ހަބަރު

ހުޅުމާލޭގައި ދެ ޓަވަރު އަޅަން އެސްޓީއޯއިން ވެސް އިއުލާންކޮށްފި

ދެވަނަ ފިޔަވަހީގައި ހުޅުމާލެއަށް އިތުރު ކުރި ބިމުގެ ސަރަހައްދުގައި 15 ބުރީގެ ދެ ޓަވަރު އަޅަން ޝައުގުވެރިވާ ބަޔަކު ހޯދަން ސްޓޭޓް ޓްރޭޑީން އޮގަނައިޒޭޝަން (އެސްޓީއޯ) އިން އިއުލާނު ކޮށްފި އެވެ.

އެމްޓީސީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ދެ ޓަވަރު އަޅަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަމުގެ ލިއުން ފޮނުވުމަށެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެ ކުންފުނިން 24.000 އަކަފޫޓުގެ ދެ ޓަވަރު އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަސައްކަތް ހަވާލުކުރާތާ ދެ އަހަރު ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމަން އިއުލާނުގައި ބުނެފައި ވެއެވެ.

ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ކަމަށްވާ ހިޔާ މަޝްރޫއު ކުރިޔަށް ގެންދަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށެވެ. އެގޮތުން ބޭރުގެ ދެ ކުންފުނި ހިމެނޭ ގޮތަށް 22 ކުންފުންޏެއް އެ މަޝްރޫއުގައި ބައިވެރިވެގެން 62 ޓަވަރު އަޅާނެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރު ކުންފުނިތަކުން އަންނަނީ އިމާރާތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ބީލަން ހުޅުވާލަމުން ނެވެ. އެގޮތުން 15 ބުރީގެ ތިން ޓަވަރު އަޅަން އައިލެންޑް އޭވިއޭޝަނުން ވެސް ވަނީ ބީލަމަށް ހުޅުވާލާފަ އެވެ. އަދި އެމްޓީސީސީން ވެސް ވަނީ ދެ ޓަވަރު އަޅަން އިއުލާން ކޮށްފަ އެވެ. ނަމަވެސް އަޅަނީ ކިތައް ބުރީގެ ދެ އިމާރާތް ކަމެއް ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން 15 ބުރީގެ ދެ ޓަވަރު އަޅަން ސްޓެލްކޯއިން ވެސް ވަނީ އިއުލާނު ކޮށްފައިވާއިރު، ކަސްޓަމްސް އިންވެސް ވަނީ 15 ބުރީގެ ހަތަރު ޓަވަރު އަޅަން އިއުލާނުކޮށްފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން 62 ޓަވަރު އަޅާ އިރު އޭގެ ތެރެއިން 25 ބުރީގެ 16 ޓަވަރު އެޅުމަށް މިހާރު ވަނީ ޗައިނާގެ ސްޓޭޓް ކޮންސްޓުރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) ނަމަކަށް ކިޔާ ކުންފުންޏަކާ 6.6 ބިލިއަން ރުފިޔާއަށް ހަވާލުކޮށްފަ އެވެ.