ކުޅިވަރު

ޕޮމިސްކަޕްގެ ބަދަލުގައި ޓްރައިނޭޝަން މުބާރާތެއް

Dec 27, 2017

މީގެ އަހަރުތަކެއް ކުރިން ބާއްވަމުން އައި ޕޮމިސްކަޕް ރީބްރޭންޑްކޮށް ގައުމީ ޓީމުތަކުގެ މުބާރާތެއްގޮތަށް ، އަންނަ އަހަރު ބާއްވަން އިއުލާން ކުރިނަމަވެސް، އަންނަ އަހަރު ބާއްވާނީ ޓްރައިނޭޝަން މުބާރާތެއް ކަމަށް އެފްއޭއެމުން ބުނެފި އެވެ.

'އަވަސް' އާ ވާހަކަ ދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އަންނަ އަހަރު ސާފް ޗެމްޕިއަންޝިޕްވެސް އޮތުމާއެކު ވިސްނުން ގެންގުޅެނީ، އޯގަސްޓް މަސް ތެރޭ ޓްރައިނޭޝަން މުބާރާތެއް ބޭއްވުމަށް ކަމަށެވެ.

ޓްރައިނޭޝަން މުބާރަތަކީ ދެ ގައުމެއްގެ ގައުމީ ޓީމާއި ރާއްޖޭގެ ގައުމީ ޓީމާއި ޖުމުލަ ތިން ގައުމެއްގެ ގައުމީ ޓީމު ހިމަނައިގެން ބާއްވާ މުބާރާތެއް ކަމަށް ބައްސާމް ވިދާޅުވި އެވެ.

"އަމާޒު ހިފާނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށްޓަކައި ބާއްވާ މުބާރާތެއްގެ ގޮތުގައި، އަދި މިއީ ޕޮމިސްކަޕްގެ ގޮތުގައިވެސް ބޭއްވި ދާނެ މުބާރަތެއް،" ބައްސާމް ވިދާޅުވި އެވެ "އަޅުގަނޑު ވާނީ ޓެކްނިކަލް ކޮމިޓީ އާއި ކޮމްޕްޓީޝަން ކޮމިޓީއަށް މި މަސައްކަތް ހަވާލު ކުރެވިފައި، މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި."

އޭނާ ވިދާޅުވީ ވިސްނުން ގެންގުޅެނީ އަންނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޒުވާން ޓީމެއް ވާދަ ކުރުވުން ކަމަށެވެ. އެއީ ކުރިމަގަށް ޓީމެއް ބިނާ ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުގައި ބައްސާމް ސިފަ ކުރެއްވި އެވެ.

"އެހެންވީމަ އަޅުގަނޑުގެ ވިސްނުމަކީ ސާފް ޗެމްޕިއަންޝިޕަށް އަންނަ އަހަރު ތައްޔާރު ވާއިރު ވަރަށް ޒުވާން ޓީމެއް ތައްޔާރު ކުރުން، ވަރަށް ޒުވާން ޓީމެއް ތައްޔާރު ކުރަން ބޭނުން ވަނީ، މިއީ މުސްތަގުބަލުގައި ރާއްޖެއަށް ކާމިޔާބު ހޯދައިދޭނެ ޓީމު ކަމަށް ވާތީ،" އޭނާ ވިދާޅުވި އެވެ.

"ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރު ކާމިޔާބު ކުރުމަކީ އަޅުގަނޑުމެން ވެސް ވަރަށް އެދޭ އެދުމެއް އަޅުގަނޑުމެންގެ ދިވެހިންގެ އެންމެ ބޮޑު އުންމީދަކަށްވާނީ ވެސް އަންނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުން، އަޅުގަނޑުމެން މިހާރު ބޭނުން ވަނީ އާ ޖީލެއް އުފައްދަން އިމީޑިއޭޓް ސަކްސަ ނުވަތަ އަވަސް ކާމިޔާބުތަކެއް ހޯދާކަށް އަޅުގަނޑުގެ ވިސްނުމުގައި ނެތް."

އަންނަ އަހަރު ސާފްޗެމްޕިއަންޝިޕް، ބާއްވަން ހަމަޖެހިފައި ވަނީ ބަނގުލަދޭޝް ވެރިރަށް ޑާކާ ގައެވެ. އެކި ތާރީހްތަކައް ފަސް ކުރަމުން، އައިސް ސާފް ޗެމްޕިއަންޝިޕް މިހާރު ފަށަން ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު ހަތަރު ވަނަ ދުވަހު އެވެ.