ހަބަރު

ފާރިސްގެ ވަކީލުންގެ ޝަކުވާ ހައި ކޯޓަށާއި ސްޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފްގެ މައްސަލަތައް ބެލުން ލަސްވަމުންދާތީވެ އެކަމުގެ ޝަކުވާ ސުޕްރީމް ކޯޓަށާއި ހައި ކޯޓަށް ފާރިސްގެ ވަކީލުން ހުށަހަޅައިފި އެވެ.

ފާރިސްގެ ވަކީލުން އިސްތިއުނާފަށް ހުށަހަޅާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކެވެ. އޭނާގެ ވަކީލުން ވަނީ ހައި ކޯޓަށް ހަ މައްސަލައެއް އިސްތިއުނާފަށް ހުށަހަޅާފަ އެވެ.

އެކަންް ލަަސްވަމުންދާތީވެ ފާރިސްގެ ވަކީލުން މިއަދު ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަށް ސިޓީ އެއް ފޮނުވާފަ އެވެ. އެދެބޭފުޅުންނަށް ވަކިވަކިން ފޮނުވި ސިޓީގައި ބުނެފައިވަނީ، އިސްތިއުނާފްގެ މައްސަލަ ހައި ކޯޓަށް ހުށަހެޅިތާ ދެ މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ނަމަވެސް އެކޯޓުން އަދިވެސް ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

އެ ސިޓީގައި ވަނީ، ހައި ކޯޓްގެ ރެޖިސްޓްރާގެ މަސްއޫލިއްޔަތާއި ހަވާލުވެހުރި ބޭފުޅާ އެ މައްސަލަތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އެއްވެސް އިދާރީ ބޭފުޅަކާ މިހާތަނަށް ހަވާލުކޮށްފައިނުވާ ކަމަށް އެ ކޯޓުން ބުނެފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ހުށަހެޅިތާ އެތަކެއް ދުވަހެއް ފާއިތުވެފައިވާއިރު އެއިން އެއްވެސް ހުށަހެޅުމާކާއި ގުޅިގެން އެއްވެސް ކަމެއް އިސްލާހު ކުރުމަށް ހައި ކޯޓްގެ ރެޖިސްޓްރާ އަށް އަންގާފައިނުވާ ކަމަށް ސިޓީގައި ވެއެވެ.

އެ ސިޓީގައި ވަނީ، ހައި ކޯޓްގެ ރެޖިސްޓްރާ އަމަލު ކުރަމުންދަނީ ސުޕްރީމް ކޯޓުން އަމަލުކުރަން އަންގާފައިވާ އުސޫލުތަކާއި ހިލާފަށް ކަމަށެވެ. އެެހެން ކަމުން އެ ކޯޓްގެ ރެޖިސްޓްރާ ނިންމަންޖެހޭ އެންމެހާ އިދާރީ ކަންކަން ދެ ދުވަހުގެ ތެރޭގައި ނިންމައި އެ މައްސަލަ ހައި ކޯޓުން ޝަރީއަތް ހިންގަން ކަމާބެހޭ ސެކްޝަނަށް ފޮނުވަން ރެޖިސްޓްރާ އަށް އަންގައި އަމުރުކޮށްދިނުމަށް ސިޓީގައި އެދިފައި ވެއެވެ.

މީގެ އިތުރުން ފާރިސްގެ ވަކީލުން ވަނީ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސާ އައިމިނަތު އީނާސަށް އެ ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށްއެދި ސިޓީއެއް ފޮނުވާފަ އެވެ.

އެ ސީޓިގައި ވަނީ، ފާރިސްގެ އަސާސީ ހައްގުތައް ގެއްލި ދައުލަތުގެ ބައެއް ކޮމިޝަން ތަކުން ހުރަސް އަޅަމުންދާ ކަމަށާއި އެކަމާއި ގުޅިގެން ފާރިސްގެ ފަރާތުންް އެޗްއާރްސީއެމް އަށް ހިއްސާކުރަން ބޭނުންވާ ބައެއް ކަންކަން ބޭނުންވާ ކަމަށެވެ. އެހެން ކަމުން އެކަންކަން ހިއްސާ ކުރުމަށް ފާރިސްގެ ވަކީލުން އެ ކޮމިޝަނުގެ މެންބަރުންނާއި ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެސިޓީގައި އެދިފައި ވެއެވެ.