ހަބަރު

ލީޑަރުންގެ ހުރިހާ އަމާޒެއް ހުރީ ރައީސް ޔާމީން ބަލިކުރުން: ހަސަން

އިދިކޮޅު ކޯލިޝަންގައި މަސައްކަތް ކުރާ ހަތަރު ޕާޓީގެ ސިޔާސީ ފިކުރު ތަފާތު ކަމަށާއި ނަމަވެސް ހުރިހާ ޕާޓީއެއްގެވެސް ލީޑަރުންގެ އަމާޒި ހުރީ ރައީސް އަބުދުﷲ ޔާމީން ބަލިކުރަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީގައި ރޭ ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ، ސިޔާސީ ހަތަރު ޕާޓީއެއްގެ ތެރޭގައި މަޝްވަރާ ކުރަމުންދާއިރު ހިޔާލު ތަފާތުވުންތަކެއް ހުންނާނެ ކަމަށާއި ނަމަވެސް އޭގެ މާނަ އަކީ އެކުގައި ކަންކަން ނުކުރެވޭނެ ކަމުގެ ހެއްކެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، މިހާރު މަޝްވަރާ ކުރެވެމުންދަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލި ކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ކަމަށާއި އެކަމުގައި އެއްވެސް ލީޑަރަކު ހިޔާލުތަފާތުނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ފިކުރު ތަފާތު ކަމަށް ރައީސް ޔާމީން ވިދާޅުވާ ވާހަކަ އަކީ ރަނގަޅު ވާހަކައެއް ކަމަށާއި ނަމަވެސް ޕާޓީތަކުގެ ފިކުރު އެއްފަރާތް ކޮށްލުމަށްފަހު މިހާރު ކުރަމުންދާ މަސައްކަތަކީ ރައީސް ޔާމީން ބަލިކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން ކަމަށެވެ. އަދި ރައީސް ޔާމީން ބަލި ކުރައްވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

"ޕާޓީގެ ފިކުރުތައް ތަފާތު، އެކަމަކާ އަޅުގަނޑުމެން ދެބަހެއް ނުވަން، ސިޔާސީ ފިކުރު ތަފާތު އެކަމަކުވެސް އެއް ފިކުރެއް އެބައޮތް މި ކުރާ މަސައްކަތުގައި، އެއީ ރައީސް ޔާމީން ބަލިކުރުން، ހަމަ ރީއްޗަށް 2018ގައި ރައީސް ޔާމީން ބަލިކުރާނަން، އެއީ މިކުރާ މަސައްކަތަކީ، އެކަމުގައި ހިޔާލު ތަފާތެއް ނުވޭ،" ހަސަން ވިދާޅުވި އެވެ. "އެއް ކެނޑިޑޭޓެއް ނެރޭނަން، އެ ކެނޑިޑޭޓްގެ ނަން ކަރުދާސް ކޮޅުގައި އޮންނާނެ، ރައީސް ޔާމީނާއި ވާދަ ކުރާނެ، ރައީސް ޔާމީން ބަލި ކުރާނެ،"

އަންނަ އަހަރު ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ކުރެވޭނެ ކަމަށް އަލި އަޅުވާލައި ހަސަން ވިދާޅުވީ، އަންނަ އަހަރު ރިޔާސީ އިންތިހާބުގައި ނަޝީދުގެ ނަން ކަރުދާސް ކޮޅުގައި އޮންނާނެ ކަމަށާއި އެކަމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި ބޭރުގެ އެކިއެކި ގައުމުތަކާއި ޖަމިއްޔާތަކުގެ އެހީގައި އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބޭއްވޭނެ ކަމަށާއި އެކަން ކުރުމަށްޓަކައި ރައީސް ޔާމީން ދޫދެއްވަން ޖެހޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، އެއް ކެނޑިޑޭޓަކު ނެރެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރާނެ ކަމަށާއި އެ ކެނޑިޑޭޓަކީ ރައީސް ނަޝީދު ކަމުގައި ހެދުމަށް އެމްޑީޕީން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދެވޭވަރުގެ މާހައުލެއް ގާއިމް ވުމުން ނަޝީދު އަމިއްލަފުޅަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އުންމީދަކީ އިންތިހާބުގެ ކުރިން ވަޑައިގެން ވާދަ ކުރުން ކަމަށް ހަސަން ވިދާޅުވި އެވެ.

"ސަރުކާރުގެ ފާރާތްތަކުން އެންމެ ގިނައިން ދައްކާ ވާހަކަ އަކީ ނަޝީދުގެ ވާހަކަ، ކީއްކުރަންތޯ ވާދަ ނުކުރެވޭނެ ނުވަތަ ރާއްޖެ ވަޑައި ނުގަނެވޭނެ ބޭފުޅެއްގެ ވާހަކަ ދައްކަންވީކީ، ނަޝީދު އިންތިހާބުގައި ބައިވެރިކުރަން ކަންކަން ކުރައްވަން ޖެހިވަޑައިގަންނަވާތީ އެވަރަށް ވާހަކަ ދައްކަވަނީ،" ހަސަން ވިދާޅުވި އެވެ.

ސަރުކާރާއި މަޝްވަރާކުރުމާއި ގުޅޭގޮތުން ހަސަން ވިދާޅުވީ، ރައީސް ނަޝީދާއި ގާސިމް އިބްރާހީމް އަށް މިވަގުތު ހުރީ ރާއްޖެ ވަޑައިގަނެވޭފަދަ ހާލަތެއްގައި ނޫން ކަމަށާއި އެހެން ކަމުން މި ސަރުކާރުން ރާއްޖެއިން ބޭރުގައި މަޝްވަރާ ކުރުންތައް ބާއްވަން އެއްބަސްވާނަމަ ބައިވެރިވާނެ ކަމަށެވެ. އަދި ސަރުކާރުން މަޝްވަރާ ކުރުން ހެޔޮ ނިޔަތުގައި ބޭނުންވާ ކަމުގައިވާނަމަ ސަރުކާރާއެކު މަޝްވަރާ ކުރުމަށް ތައްޔާރަށް ތިބި ކަމަށް ހަސަން ވިދާޅުވި އެވެ.

"އިދިކިޅު ފަރާތްތަކާއި މަޝްވަރާ ކުރުމަކީ އިސްރާފެއް ނޫން، އޭގެން ދައްކައިދެނީ ރައީސް ޔާމީން ކުފޫ ހަމަ ނުވާކަން،، މިތިބީ ވާހަކަ ދައްކަން ތައްޔާރަށް ސަރުކާރާ އެކީ،" ހަސަން ވިދާޅުވި އެވެ.

ރައީސް ޔާމީން އަންނަ އިންތިހާބުގައި ބަލިވާނެ ކަމުގެ ތިން ފޯމިއުލާއެއް ވެސް ހަސަން ވަނީ ވިދާޅުވެފަ އެވެ. އެ ތިން ފޯމިއުލާ ކަމަށް ހަސަން ވިދާޅުވީ، ފުރަތަމަ ފޯމިއުލާ އަކީ އަނިޔާވެރިކަން ކަމަށާއި އެހެން އެއްވެސް ވެރިއެއްގެ އަނިޔާވެރިކަން މި ދަރަޖައަށް ގޮސްފައެއް ނުވާ ކަމަށެވެ. ދެވަނަ ފޯމިއުލާ އަކީ ވައްކަން ކުރުން ކަމަށާއި އައިޖީއެމްއެޗްގެ ވައްކަމާއި އެމްއެމްޕީއާރްސީގެ ވައްކަން އެކަނި ނެގުމުންވެސް އެހެން އެއްވެސް ސަރުކާރަކާ އަޅާވެސް ނުކިޔޭނެ ކަމަށެވެ. އަދި ތިންވަނަ ފޯމިއުލާ އަކީ ކޮރަޕްޝަން ކަމަށާއި އެއީ އައިޖީއެމްއެޗްގެ އާ އިމާރާތް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލް އެޅުމަށް މި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލު ކަމަށް ހަސަަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މި ތިން ފޯމިއުލާގެ ސަބަބުން އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބޮޑުތަނުން ބަލިވާނެ ކަމަށެވެ.