ތާރީހު

އާ އަހަރު ފަށަން ޒާހިރުގެ ނަސޭހަތް ކިޔާލާ!

Dec 30, 2017
7

އެޑިޓަރުގެ ނޯޓް

މިއީ މީގެ ފަސްދޮޅަހަކަށް އަހަރު ކުރީ ޒާހިރު ނަސީރު "ވިޔަފާރި މިއަދު" ގައި ލިޔުއްވި މަޒުމޫނެކެވެ. ޒާހިރު އަވަހާރަވީ މޭ 25، 2016 ގައެވެ. އަންނަ ހޯމަ ދުވަހު އާ އަހަރު ފަށާއިރު ޒާހިރުގެ މި މަޒުމޫނަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ވަރަށް މުހިންމު މެސެޖެއް މިހާރަށް ވެސް އަދި މާދައަށްވެސް ފުދޭނޭ ގޮތަށް ޒާހިރު ލިޔުއްވާފައިވާ މަޒުމޫނަކަށްވުމުން އާ އަހަރުގެ އަޒުމު މި މަޒުމޫނުގެ ތެރެއިން ކަނޑައަޅަން ފުރުސަތެއް ހޯދައި ދިނުމުގެ ގޮތުން މި މަޒުމޫނު ޝާއިއު ކުރީ އެވެ.

މުސްތަގުބަލަށް ވިސްނާލަމުން...

"ހިތާމައަކީ މި ދޭހުން ފެންނަ އިބްރަތްތައް ނުވިސްނޭކަން،
މިތާ ޣާފިލުވެގެން ތިއްބާ ޒުވާންކަން ގެއްލި އުވި ދާކަން."

ޅެންވެރިޔާގެ މި ބަސްފުޅަކީ ތެދު ގަބޫލުކުރާ އެއްވެސް މީހަކަށް ވަސްވާސް އަރާނޭ ބަސްފުޅެއް ނޫނެވެ. އާދޭހެވެ! ތެދުފުޅެކެވެ! ހިތާމައަކީ، ކުރިމަތީގައި ރެއާދުވާލު ފެންނަމުންދާ ތަޖުރިބާތަކުން ކުޑަވެސް އިބުރަތެއް ލިބި ނުގަނެވޭ ކަމެވެ. ހިތާމައަކީ "ޣާފިލުކަމުގެ ސުންޕާ ނިދިން" ހޭނުލެވި މިހެން ތިއްބާ ޒުވާންކަމުގެ އުޖާލާ ރަންޒަމާން ގެއްލި އުވިދާ ކަމެވެ.

އާދެ! އަދި އެއަށްވުރެ ވެސް ބޮޑު ހިތާމައަކީ، އަޅުގަނޑުމެންނަށް ލިބިފައިވާ ފިލާވަޅުތަކަށާއި، އެނގިފައިވާ، އެނގުންތަކަށް ޢަމަލް ނުކުރެވޭ ކަމެވެ. އެއްފަހަރު ކުށެއް ކުރެވުނީމާ ދެވަނަ ފަހަރަށް އެކަން ރަނގަޅު ކުރަން ނޭނގޭކަމެވެ.

އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެ ދުނިޔޭގެ ހަމަވައިގެ ތެރެއަށް ނޭވާލާން ފެށިތާ އަދި މާގިނަ ދުވަސްތަކެއް ނުވެ އެވެ. އަޅުގަނޑުމެންގެ ރާއްޖެއަކީ ވެސް ދުނިޔޭގެ ޢިއްޒަތްތެރި ޤައުމުތައް އިޙުތިރާމްކުރާ މަޤާމްއެއް ލިބިފައިވާ ޤައުމަކަށް ވެއްޖެ އެވެ. އިހަށް އަޅުގަނޑުމެން މި ކުޑަކުޑަ ބިސްތޮށިގަނޑު ފަޅާލައި ނުނިކުމެ ތިބިއިރު "މައިކުކުޅުގެ" ހޫނުގާ ދިރިއުޅެވެއެވެ. ކުރަންޖެހޭ މަސައްކަތްތައް ވެސް މަދެވެ. ކުޑައެވެ. ނަމަވެސް، މިހާރު...

އާހް! ހިތާމައަކީ، ލޮބުވެތި ވަޠަންގެ އެދުންވެރި ގޮވުމަށް އިޖާބަ ދޭނެ ދަރިން ނެތް ކަމެވެ. ތެދުވެރިކަމާ ވަފާތެރިކަމާއެކީ، ޤައުމަށްޓަކާ ޤުރުބާންވާން ކެރޭ ފިރިހެނުން އުފެދިފައި ނެތްކަމެވެ. ފަސް ނުޖެހި ހީވާގި ކަމާއެކު ވާޖިބު އާދާ ކުރަން ކެރޭ ޒުވާނުން ނުފެންނަ ކެމެވެ. ދިރިއުޅުމުގެ މައިދާނުގައި ނުގުޑާ ޢަޒުމަކާއިގެން ޤައުމުގެ މުސްތަޤުބަލުގެ ދިފާޢުގައި ނެރޭނޭ ޅަކުދީން ކޮޅެއް ހާނަމުން ނުގެންދެވޭ ކަމެވެ. ޤައުމެއްގެ މުސްތަޤުބަލު މުޅީންމެ ކުރެހެމުން ދަނީ، އެ ޤައުމެއްގެ، "މިހާރު" ގެ ހިއްމަތްތެރި ފިހިންނެވެ. އެބައިމީހުންގެ ނުފޫޒުންނެވެ. ނަސޭހަތުންނާއި ނަމޫނާއިންނެވެ.

ޤައުމެއްގެ ލޭހޮޅިތައް ވަރުގަދަކޮށް އޭގައި ތާޒާ ލެއެއް ހިންގުމުގެ ހުރިހާ މަސްޢޫލިއްޔަތެއް އެޅޭނީ ހަމަ މުޅީންމެ އެ ޤައުމެއްގެ ޚާދިމުންގެ ކޮނޑުގަ އެވެ. އާދޭހެވެ! ހިތަށް ގެނައުމުން މުސްތަޤުބަލުގެ ބަނަކަން ސިފަ ކުރާކަށް ފަސޭހައެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ދައުލަތުގެ ވާޖިބުތައް އަދާކުރުމުގައި ދެމިތިބެވޭތޯ އެވެ؟ އަޅުގަނޑުމެން ކޮންމެ މީހެއްގެ އެންމެ އިސް ވާހަކައަކީ، "އަޅުގަނޑަށް ލިބޭ އެތިކޮޅު މަދުކަމުން ހަމަ އެއްގޮތަކަށް ވެސް ދެކޮޅުޖެއްސޭ ވަރެއް ނޫނެވެ. ލިބޭ އެއްޗެތިން، އެތައް ބައެއް މަދުވެއްޖެ އެވެ. ލިބޭ އެއްޗެތީން ހަމަ ކިރިޔާ އަންހެނުންނަށް ކާންދީފައި، ދަރިފުޅަށް އަންނާނެ އެތިގަނޑެއް ހޯދައިދެވޭވަރު ވެސް ނުވެއެވެ."

އާއެކެވެ! ޝައްކެއްނެތެވެ! ހިތާމައަކީ، ކޮންމެމީހަކު ތިމާގެ އަމިއްލަ އެދުންތަކަށް ފުރިހަމަކަން އެދޭފަދައިން ދައުލަތުގެ މަސްއޫލިއްޔަތުތަކަށް ސަމާލުކަންދެމުން ނުގެންދެވޭ ކަމެވެ. މަސައްކަތެއް ކުރުމުގާ އެކަން ފުރިހަމަ ކުރެވުމުން ލިބޭ ހިތްގައިމުކަން އެއީ، ލިބޭ އެންމެ އެދެވޭ ޢިނާމްކަން، އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް، ނުވިސްނޭ ކަމެވެ.

ދިވެހިރާއްޖެ ދެކެމުން މިދަނީ، މިރާއްޖޭގެ ތާރީޚް ދުވަހަކުވެސް ނުދެކޭފަދަ ޢިލްމީ ދައުރެކެވެ. ޢިލްމުގެ މާތް ނަމުގާ ދައުލަތުގެ ދީލަތި އެހީފުޅުގެ ދަށުން ދައުލަތުގެ ޚަރަދުގާ މާލޭގަޔާ ރާއްޖޭގެ އެތަން މިތަނުގާ މަދުރަސާތައް ވަނީ ހުޅުވިފައެވެ. އާދެ! ދުނިޔޭގެ އެއްވެސްތަނެއްގައި ނިސްބަތްކޮށް ބަލާއިރު މިފަދަ މަތިވެރި ދަރަޖައަކަށް ތަޢުލީމަށްޓަކައި، ދައުލަތެއްގެ ފަރާތުން ބާރުއެޅެމުން ނުދާކަން ތިޔަބޭފުޅުންނަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. ނަމަވެސް...

ކަންތައް ދަނީ ނުބައިން އެއަށްވުރެ ނުބައަށެވެ. އުދަރެހުން ފެންނަމުން އައި ހަވީރުގެ ނަލަނަލަ ފިނިފެންމާކުލަތައް، އެދަނީ، ބަނަފުސް ކުލައަކަށް ބަދަލުވަމުންނެވެ. ތަރައްޤީ އާއި ތަހުޒީބުގެ އުޖާލާ ފެހި ދަނޑުގައި ދިވެހި ޤައުމު ފިޔަވަޅު އަޅާން ފަށައިފިއޭ ހީކުރެވޭކަށް ގާތެއްގާވެސް ނެތެވެ.

ކުރަންވީ ކީއްތޯއެވެ! އަޅަންވީ ކޮން ފިޔަވަޅުތަކެއްތޯ އެވެ؟ ބޭހަކީ ފަހެ ފަރުވާއަކީ ވެސް ކޮބައިތޯ އެވެ؟ ސުވާލުތަކަކީ، ވަރަށް ވަރަށް ހައްގު ސުވާލުތަކެކެވެ. ކޮންމެހެން ޖަވާބު ހޯދަންޖެހޭ ސުވާލުތަކެކެވެ. އާދެ! އެންމެ ރަނގަޅެވެ! އަޅުގަނޑުގެ ނިކަމެތި ސިކުނޑީގައި ރޭވިފައިހުރި ޖަވާބުތަކެއް ޢިބާރާތް ކުރެވޭތޯ ހިއްމަތް ކުރާނަމެވެ.

ހިތްޕުޅުގެ ބޯޑުގައި ރަނގަޅަށް ނޯޓުކުރައްވާށެވެ... އާދޭހެވެ! އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ތެރޭގައި އާންމުވެފައިވާ، ކަންނެތްކަމާއި ބޭވަފާތެރިކަން މުލުން ލުހެލެވޭތޯ އުޅެމާތޯ އެވެ. ތަނަކަށް ގަޑިޖެހުނީމާ އަޅުގަނޑުމެން މި ޖަވާބު ކިތައް ފަހަރު ދެމުތޯއެވެ؟ "އަޅުގަނޑުގެ ގޭގައި ހުރި ގަޑި ތަންކޮޅެއް ލަސްވެފައިހުރީ އެވެ. 7 މިނިޓު ހުއްޓާ ނިކުމެއްޖައީމެވެ" މިގޮތަށް ގަޑި ނުބައިމީސްކޮށްފައި ފުދުނީ ކަމަށް ހިތްހަމަޖައްސަނީ ކިތައް މީހުންތޯ އެވެ؟ މީހަކަށް ކަމެއް ކޮށްދޭން ވަޢުދުވެފައި، އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި، އަނެއް ފަހަރު އޭނާއާ ބައްދަލުވީމާ "އަސްތާ! ހަނދާން ނެތުނީ އެވެ. އިރާދަ ކުރެއްވިއްޔާ މާދަން ކޮށްދޭނަމެވެ." މިހެން ބުނާވެސް ކިތައްމީހުންތޯ އެވެ؟ އަދާކުރަންޖެހޭ ވާޖިބުތައް ފުރިހަމައަށް އަދާ ކުރަމުން އެބަ ގެންދެވޭތޯ އެވެ. ނުގެންދެވޭކަން ކަށަވަރެވެ. ކީއްވެގެންތޯ ސުވާލު ކޮށްފިނަމަ، އަޅުގަނޑުމެން ކޮންމެ މީހަކުމެ ދުލު ކުރީގައި އޮންނަނީ މަދްރަސާ ކުއްޖަކު ފިލާވަ ޅުދަސް ނުކޮށްފައި މަދްރަސާއަށް ދޭކަހަލަ ކޮރު ޖަވާބެކެވެ. "ފިލާވަޅު މާދިގީ އެވެ" ނުވަތަ "އަޅުގަނޑަށް ވަގުތެއް ނުވީއެވެ" ނޫނީ "އެހެން ފިލާވަޅުތައް ގިނަކަމުން ދަސް ނުވީ އެވެ" ދެންވެސް އެކަހަލަ ކޮންމެވެސް ޖަވާބެކެވެ. ހަމަ ޤަބޫލުކުރާ މަދްރަސާއަކަށް މާ ހިތްހަމަޖެހޭ ޒާތުގެ ޢުޒުރެއް ބަޔާނެއް ނުކުރެވެ އެވެ. އަޅުގަނޑުމެން ވެސް ހަމަ އެހެންނެވެ...

ވަޤުތު ނުލިބޭކަމުގެ ޢުޒުރަކީ، އަދި މަސައްކަތް ބޮޑިކަމުން އެއްގޮތަކަށްވެސް ތަންވަޅެއްނުވާ ވާހަކައަކީ، މިހާރަކަށް އައިސް ބައެއް މީހުންނަށް މާ ރީތި ކަމަކަށްވެސް ވާކަހަލަ އެވެ. ވަޤުތަކީ، ހޯދީމާ ލިބޭ އެއްޗެކޭ އެ ބުނަނީ ދޮގެއް ނޫނެވެ. އެމީހަކަށް، ކަންތައް ހުންނަ ގޮތުން އެމީހެއްގެ 24 ގަޑިއިރު ވިސްނައިގެން ރާވަންޖެހޭނެ އެވެ.

ވަގުތެއް ނުލިބިގެން އެއްދުވަހުގެ މަސައްކަތްތައް އަނެއްދުވަހަށް ފަސް ކުރަމުން ފުނި ޖައްސަމުން ގެންދެވޭލެއް ވަރަށް ވެސް ގިނައެވެ. އެދުވަހެއްގެ މަސައްކަތް ކޮންމެ ގޮތަކުން ނަމަވެސް އެދުވަހަކު ނިންމުމަކީ ވިސްނުންތެރީގެ ކަމެކެވެ. ތިމާއަކީ ވާޖިބުތައް ފުރިހަމައަށް އަދާކުރާ މީހަކަށް ވެވޭނީ ގަޑިން ގަޑިޔަށް، މަސައްކަތް ބަހަން ދަސްކޮށްގެންނެވެ. ބޭކާރު ވިޔާނުވާ ވާހަކަތަކަށް އިޝްތިރާކު ދިނުން ހުއްޓާލައިގެންނެވެ.

އާދެ! ކޮންމެ މިނެޓެއް އޭގެ އަގުގައި ހޭދަކުރަން އެނގިގެންނެވެ. ކުރަން ތިމާއަށް ޖެހުނުކަމެއް ވެވުނު އެންމެ ރަނގަޅަށް ވޭތޯބަލަމާ ހިންގަވާށެވެ. އެމަސައްކަތެއް ނުނިމެނީސް ފޫހިވެގެން އަނެއް މަސައްކަތަށް ނުއެނބުރެމާތޯ އެވެ؟ ކަމަށް ކަމޭހިތާ ހީވާގި ކެރޭ މީހެއްގެ ގޮތުގައި، ފެށިފޯރީގާ ނިމެންދެން ގެންދަމާތޯ އެވެ؟ ކަމެއް ފެށުމުގެ ކުރިން ތަޖުރިބާކާރުންނާ މަޝްވަރާ ކުރުމާއި ތިމާގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދޭ މިންވަރު ވިސްނައިގެން، ރޭވުމަކީ ދުނިޔޭގެ، ސިޔާސީ ބަޠޮލުން ދައްކަވާފައިވާ ނަމޫނާ އެކެވެ. ކަމުގެ ދެކޮޅަށާއި މެދަށް ވިސްނޭން އޮތްހައި ނަޒަރަކުން ވިސްނުމަށްފަހު، ނޫނީ ކުރިމަތި ނުލަމާތޯ އެވެ؟ ދެންކަމުގެ ތެރެއަށް ހިތާ ރޫޙުން، ހަށިގަނޑާއި ފުރާނައިން ފީނައިގަންނަންވީ އެވެ. މީގެފަހުގައި މެދުވެރިވާ އުނދަގޫތަކާއި، ކުރިމަތިވާ ހުރަސްތައް ދިފާޢު ކުރުމަށް ހާސްވާކަށް ނުޖެހޭނެ އެވެ. ފުރަތަމަ ކޮށާންވީ ދާންވީ މަގެވެ. ދެން މިސްރާބު ހިފުމަށްފަހު، އިންޖީނުގައި ހުރިވަރަކަށް ދުއްވަންވީ އެވެ. މަޤުސަދު ލަސްތަކެއްނުވެ އަތުވެދާނެކަމީ ޝައްކެއް ވަސްވާހެއް ހުރިކަމެއް ނޫނެވެ.

ދެންއޮތީ ސިއްރާއި ފައުޅުގައި ތެދުވެރިވުމެވެ. ވަފާތެރިވުމެވެ. ސީދާވުމެވެ. ދެފުށް އެއްގޮތްކުރުމާއި އިޚުލާސްތެރިވުމެވެ. ހަމްދަރުދީ ފައުޅު ކުރުމުގާ، "ކިލަނބުގެކަރުނަ" ތަކެއް ބޭނުން ނުކުރުމެވެ. ވެރީންގެ އަމުރުތަކަށް ދެބަހެއް ސުވާލެއް ނެތި ކިޔަމަންވުމެވެ. ކްރިކެޓް ދަސްކޮށްދޭ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމެވެ.

"ބަލާށެ ވިސްނާ ހޮވާނެ ގޮތްތައް ޤަވާޢިދާ ހަމަތަކާ ގުޅޭހެން،
މަލާމާތެއް ނުމެ ލިބޭނެ ގޮތުގައި ހިތާ ރޫހުން ކުޅޭށެ ކުރިކެޓް."

ޤައުމަށްޓަކައި ޤުރުބާންވުމުގެ މާތް ރޫޙަކީ، މިޒަމާނުގެ ކޮންމެ ދިވެހި ދަރިއެއްގެ ނާރުތަކުގައި ހިނގާންވީ ލެއެކެވެ. މާޒީއާއި މިހާރުގެ ޤައުމީ ބަޠޮލުންގެ މަތިވެރި ނަމޫނާއިން އިލްހާމްއެއް ހޯދަމާތޯ އެވެ؟ ޤައުމުގެ ޗާލޫ ދުވެލި، ކުރިއަށްގެންދެވޭތޯ ކޮންމެ ތެދުވެރި ޒުވާނެއްގެ ހިތުގައި ކަނޑައަޅަމާތޯ އެވެ؟ ޤައުމުގެ ޗާލޫ ދުވެލި ކުރިއަށްގެން ދެވޭތޯ ކޮންމެ ތެދުވެރި ޒުވާނެއްގެ ހިތުގައި ކަނޑައަޅަމާތޯ އެވެ. އާދޭހެވެ! ޝައްކެއް ނެތެވެ. ވިސްނާ ފިކުރުކޮށް ހަފަރާތަށް ބަލާލުމާއިއެކު ލިބޭނީ ހިތްދަތިކަމުގެ ވޭންތަކެވެ. ހަވީރުގެ ހިތް ފަސޭހަ ކުލަތައް އިރާއިއެކު އެދަނީ ޣައިބުވަމުންނެވެ. އިރުގެ ސިއްޙީ ދޯދިތައް އަޅުގަނޑުމެންނަށް ތައްޔާރު ވެސް ނުވެވިގެން އުޅެނިކޮށް އަލްވަދާޢު ކިޔައިފިއެވެ. ތާޒާކަމާއެކު ފޮޅެމުންއައި ނަލަ ރީތި މައުތައް މަޑުމަޑުން މިލަމުން ދަނީ އެވެ. އޭގައި އެހުރި ރޫޙު ދިރުވާ މީރުވަސް ފަނޑުވަމުން ގޮސް ވައިގެތެރެއަށް ހުސްވަނީ އެވެ. އާދޭހެވެ! ޝައްކެއް ވަސްވާހެއް ނެތެވެ. މިއީ ޤުދުރަތީ ޤާނޫންއެކެވެ. ދުންޔަވީ ހަމައެކެވެ.

ދިވެހި ޤައުމުގެ ޣިއްޒަތާއި ޝަރަފު ކަމުގައިވާ އިސްލާމްދީން އާއި، މިނިވަންކަން ދެމެހެއްޓޭތޯ ހިއްވަރާއެކު އެއްބާރު ނުލައި ވާކަށް ނެތެވެ. "އިހުގެ ބަޠޮލްތަކުން ފަދައިން" ކެރިގެން ޝަހީދުވެގެން ނޫނީ މި ޤައުމު ދިރޭކަށް ނެތެވެ.... އާދޭހެވެ! އާދޭހެވެ! މުސްތަޤުބަލަށް ވިސްނާލުމުން.... ލާންޖެހެނީ ހިތާމައިގެ މާނޭވާއެކެވެ. އޮހެން އެ ފަށަނީ ހިތި ކަރުނަތަކެކެވެ.

މުސްތަޤުބަލަށް ވިސްނާލުމުން ހިތްހަމަޖެހޭކަށެއް ނެތޭ.
ފުސްކަން އެހެރަ ފިލާކަށެއް ވިސްނޭގޮތުން އަދަކު ނެތޭ."