އެމްއެންޑީއެފް

ސަފާރީއެއް ފަރަށް އެރުމުން މީހުން ސަލާމަތްކޮށްފި

Dec 31, 2017

ސަފާރީ ބޯޓެއް ރ. މާކުރަތު ނެރު ކައިރީ ފަރަށް އެރުމާ ގުޅިގެން ކޯސްޓްގާޑުން އެ ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. ފަރަށް އެރީ "އެޓޯލް ޖޭޑު" ކިޔާ ސަފާރީއެކެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:41 އެހާކަންހާއިރު ކަމަށާއި ރިޕޯރޓް ލިބުމާއި އެކު ޑައިވަރުންގެ ޓީމަކާއެކު އެސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

ސަފާރީ ބޯޓު ފަރަށް އެރި އިރު ބޯޓުގައި ފަޅުވެރިންނާއެކު 37 މީހުން ތިބި އިރު ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެ ބޯޓުގައި ތިބި މީހުން ވަނީ މާކުރަތަށް ބާލާފައެވެ.

މި ބޯޓު ފުންކުރުމުގެ މަސައްކަތް ސިފައިންނާއި ބޯޓުގެ ވެރިފަރާތުން ދަނީ ކުރަމުންނެވެ.