ހަބަރު

އަހަރުގެ ފުރަތަމަ ފަތުރުވެރިޔަކަށް އިނގިރޭސި ޒުވާނެއް

މިއަހަރު އެންމެ ފުރަތަމަ ރާއްޖެ އަށް އައި ޓޫރިސްޓް ފާހަގަ ކޮށް އެމްއެމްޕީއާރުސީ އިން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. މިއަހަރުގެ ނަސީބުވެރި ފަރާތަކީ ފްލައި ދުބާއީގެ އެފްޒީ 559 ފްލައިޓުން ރާއްޖެ އައި އިނގިރޭސި ވިލާތުގެ ޒުވާން އަންހެން ކުއްޖެއް ކަމަށްވާ، ޖޯޖީނާ ހޯބްރޫކް އެވެ.

މިއަހަރު އެންމެ ފުރަތަމަ އިމިގްރޭޝަނުން ވިސާ ޖެހި ޓޫރިސްޓަކީ ޖޯޖީނާ އެވެ. އޭނާ އަށް މަރުހަބާ ކިއުމުގެ ގޮތުން އެމްއެމްޕީއާރްސީން ވަނީ މާބޮނޑިއެއް އަރުވާފަ އެވެ. ފުރަވެރި އައިލޭންޑް ރިސޯޓުން ވަނީ އޭނާަ އަށް ހަތް ދުވަހު ހުރުން ހިލޭ ދީފަ އެވެ.

ޖޯޖީނާ ބުނީ، އަހަރުގެ އެންމެ ފުރަތަމަ ޓޫރިސްޓަށް ވުމަކީ އޭނާ އަށް ލިބޭ އުފަލެއް ކަމަށާއި މިއަދު ލިބުނު ސަޕްރައިސް ދުވަހަކުވެސް ހަނދާނުން ނުފިލާނެ ކަމަށެވެ. އަދި ރާއްޖެ އަކީ އޭނާގެ އެންމެ މަގުބޫލު ޑެސްޓިނޭޝަން ކަމަށާއި ރާއްޖެ އާދެވުމަކީ އަބަދުވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޖޯޖީނާ ވަނީ މީގެ ކުރިން ހަ ފަހަރަކު ރާއްޖެއަށް އައިސްފަ އެވެ. އޭނާ މިއަހަރު ރާއްޖެއަށް އައިސްފައިވަނީ އޭނާގެ 18 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށެވެ. އޭނާގެ އުފަންދުވަހަކީ އަންނަ ބުދަ ދުވަހެވެ. ޖޯޖީނާއާއެކު އޭނާގެ މަންމަ އާއި ބައްޕަވެސް ރާއްޖެ އައިސްފައި ވެއެވެ. އޭނާ އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ މީގެ 10 އަހަރު ކުރިންނެވެ. އޭރު އޭނާގެ އުމުރުން ހަތް އަހަރެވެ.

އެމްއެމްޕީއާރްސީގެ އެމްޑީ ހާރިސް މުހައްމަދު ވިދާޅުވީ، މިއަދުގެ ހަރަކާތަކީ މިއަހަރުގެ ޓޫރިޒަމް ޕްރޮމޯޝަން އެންޑް މާކެޓިންގެ ކެމްޕެއިންސްތައް ވަރަަށް ކުލަގަދަކޮށް ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖެއަށް އަންނަ ޓޫރިސްޓުން ގުނަން ފެށުމުގެ ހަރަކާތް ކަމަށެވެ.

އޭނާ ވިދާޅުވީ، މިދިޔަ އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ ރެކޯޑު އަދަދެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު 1.389 މިލިއަން މީހުން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އަދި ޓޫރިޒަމް ހިސްޓްރީގައި އެއް މަހެއްގައި އެންމެ ގިނަ މީހުން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވަނީ މިދިޔަ މަހު ކަމަށާއި އެއީ 140000 ފަތުރުވެރިން ކަމަށެވެ.

ކޮންމެ އަހަރަކުވެސް ރާއްޖެއަށް އަންނަ އެންމެ ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމުގެ ގޮތުން އެމްއެމްޕީއާރްސީން ދަނީ ހޫނު މަރުހަބާ އެއް ކިޔަމުންނެވެ. މިދިޔަ އަހަރުވެސް ވަނީ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.