ހަބަރު

ވަރަށް އަވަހަށް ދިއްގަރު ދާއިރާގެ ހައްގުތައް ހޯދައިދޭނަން: ފާރިސް

އަވަސް މުއްދަތެއްގެ ތެރޭގައި ދިއްގަރު ދާއިރާގެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް ހޯދައި ދިނުމަށް އަލުން ހިދުމަތްކޮށްދޭން ފަށާަނެ ކަމުގެ ޔަގީންކަން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

އާ އަހަރާއި ގުޅިގެން ފާޜިސް ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުން މަޖިލީހުގެ ހައިސިއްޔަތުން ފެށި މަސައްކަތް މިއަހަރުވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބެންޖެހޭ އެންމެހާ ހައްގުތައް ހޯދައި ދިނުން ހުއްޓާނުލާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.

"ރައްޔިތުން މަޖިލީހުގެ ހިނގަމުންދާ ގާނޫނާ ހިލާފު، ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާފަދަ ކަންކަމާ ދެކޮޅަށް އަޅުގަނޑު މަސައްކަތް ފެށި ހިސާބުން ނުކުރާ ކުށަކަަށް ކަނޑައެޅިގެން ހަގީގަތާއި ހިލާފަށް ދޮގު ތުހުމަތެއްކޮށް އަޅުގަނޑު ބަންދު ކޮށްފައިވަނީ ގާނޫނާ ހިލާފަށް،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ، ގާނޫނާ ހިލާފަށް ބަންދު ކުރުމާއި ގުޅިގެން ދައްގަރު ދާއިރާގެ ރައްޔިތުންގެ އަޑު މަޖިލީހުގެ ތެރޭގައި ނަގާލާފައިވުމުން ދިއްގަރު ދާއިރާ ހިމެނޭ ރަށްތަކުގެ ރައްޔިތުންގެ ހައްގުތައް ގެއްލިފައިވާ ކަމަށެވެ. އަދި ގެއްލިފައިވާ ހައްގުތައް ހޯދައިދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.

"... ނަމަވެސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ދިއްގަރު ދާއިރާގެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް ހޯދައި ދިނުމުގައި އަލުން ހިދުމަތް ކޮށްދެވޭނެ ކަމަށް އަޅުގަނޑު ޔަގީން ކުރަން،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވަނީ އާ އަހަރުގެ ތަހުނިޔާ އޭނާގެ ދާއިރާގެ ރައްޔިތުންނާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޮނުވާފަ އެވެ.

ފާރިސް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރުމަށް މެންބަރަކަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާގެ މައްޗަށް ދަނީ ސަހުޝު އޮޅުވާލިކަމުގެ ދައުވާވެސް ކޮށްފަ އެވެ.