ސުޕްރީމް ކޯޓް (އެސްސީ) ގެ ފަސް ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ ފަރާތުން ޖުޑީސިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
އެސްސީގެ ފަސް ފަނޑިޔާރުންގެ ގޮތުން މިހާރު ތިއްބެވީ، އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި އަބުދުﷲ އަރީފާއި އަލީ ހަމީދު މުހައްމަދާއި އާދަމް މުހައްމަދު އަބުދުﷲ އަދި ޑރ. އަހުމަދު އަބުދުﷲ ދީދީ އެވެ. ފާރިސް ވަނީ އެ ފަސް ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފަ އެވެ.
ޖިނާއީ އިޖުރާތުގެ ގާނޫނުގައިވާ ގޮތުން އެގާނޫނުގައިވާ ގަވާއިދުތައް ހަދަން ޖެހެނީ އެސްސީން ނެވެ. އެ ގާނޫނަަށް އަމަލު ކުރަންފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ގަވާއިދުތައް ހަދައި ނިންމަން ޖެހެ އެވެ.
ނަމަވެސް ގާނޫނުގައިވާ މުއްދަތު މިދިޔަ އޮކްޓޯބަރު މަހު ދެވަނަ ދުވަހަށް ހަމަވިއިރު ވެސް އެސްސީން ގަވާއިދުތައް އެކުލަވާލާފައި ނުވާ ކަމަށް ބުނެ ފާރިސް ވަނީ ފަސް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފަ އެވެ.
ރާއްޖޭގެ އަދުލުގެ ނިޒާމަށް ބޮޑު އިންގިލާބެއް ގެނައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށިތާ މިހާރު ފަސް މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް މިއަދާއި ހަމައަށްވެސް އެކުލަވާލާފައެއް ނުވެ އެވެ.
ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނަރަލް އޮފީހާއި ކޯޓުތަކުން އެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއުތަކަށް އަމަލުކުރަން ފެށީ ޖުލައި މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ.
ގަވާއިދުތައް ހެދުން ލަސްވާތީ މީގެކުރިން ވެސް ބައެއް ވަކީލުން ވަނީ ފާޑުވިދާޅުވެފަ އެވެ. އެ މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެއްވި މައުމޫން ހަމީދު ވިދާޅުވެފައިވަނީ، ގާނޫނަކުން ވަކި ގޮތަކަށް އަމަލުކުރަން ލާޒިމްކުރުމުން އެއިން ބަރީއަތްވެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެ ގަވާއިދުތައް ހެދުމަކީ ސުޕްރީމް ކޯޓަށް އިހުތިޔާރެއް ނޫން ކަމަށާއި ޒިންމާއެއް ކަމަށެވެ.