ހަބަރު

އެސްޓީއޯއަަަށް ތެޔޮ ގަންނަން 100 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ( އެސްޓީއޯ) އަށް ތެޔޮ ގަތުމަަށް އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން ( އައިޓީއެފްސީ) އާ އެކު 100 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އައިޓީއެފްސީއަކީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކްގެ މެމްބަރެކެވެ. އައިޓީއެފްސީގެ ވެބްސައިޓްގައި މިދިޔަ ބުރާސްފަތި ދުވަހު ބުނެފައި ވަނީ އެސްޓީއޯއާ އެކުންފުންޏާ ދެމެދު ސޮއިކުރީ "ސިންޑިކޭޓެޑް މުރަބަހާ ފައިނޭންސިން އެގްރިމެންޓެއްގައި" ކަމަށެވެ.

މުރަބަހާ އެއްބަސްވުންތަކަކީ އިސްލާމިކް ފައިނޭންސްގައި ދަރަންޏަށް މުދާ ދޫކުރުމަށް އޮންނަ އުސޫލެކެވެ. އެ އުސޫލުގެ ދަށުން މުދާ ދޫކުރުމަށް މުދާ ގަންނާނީ ބޭންކުންނެވެ. އަދި އެއަށް ފަހު މުދާ ލިބި ގަންނަ ފަރާތަށް ދޫކުރާނީ މުދަލުގެ އަގު ބައި ބަޔަށް ބަހާލައިގެން ދައްކާ ގޮތަށެވެ.

އައިޓީއެފްސީގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ރާއްޖެއަށް ބޭނުންވާ ޕެޓްރޯލިއަމްގެ އުފެއްދުންތަކުގެ 75 ޕަސެންޓް ދެން ހޯދާނީ އެސްޓީއޯއާ އެކު ގާއިމް ކުރި މުރާބަހާ އެއްބަސްވުމުގެ ދަށުން ކަމަށެވެ. އަދި ރާއްޖޭގައި ސަރުކާރުން ހިންގާ ޕަބްލިކް އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަަށް އެ އެއްބަސްވުމުގެ ދަށުން އެހީތެރިވާނެ އެވެ.

އައިޓީއެފްސީއާ އެކު މިފަދަ އެއްބަސްވުމެއް ގާއިމް ކުރި އިރު، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފްލެޓް އަޅަން އެސްޓީއޯއިން ވެސް ވަނީ ހަވާލުވެފަ އެވެ. ބެލެވޭ ގޮތުގައި އެއްބަސްވުމުގެ ދަށުން އައިޓީއެފްސީން އެހީވާނީ އެ މަޝްރޫއަށެވެ.

މުރަބަހާ ފައިނޭންސިން އެއްބަސްވުމުގައި އައިޓީއެެފްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރް (ސީއޯއޯ) ނަޒީމް ނޫރުދާލީއެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަހީރެވެ.