ހަބަރު

މާލޭގައި މީހެއް ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

މާލޭގައި މީހެއް ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

މާލެގައި މިއަދު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށާއި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހާއާ ބެހޭ ތަފްސީލެއް ނުވަތަ ހިނގާފައި ވަނީ ކޮން ސަރަހައްދެއްގައި ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޒަހަމްކޮށްލާފައިވާ މީހާއަކީ ޑްރަގް އެޖެންސީއިން ފަރުވާ ހޯދަމުންދާ މީހެކެވެ. އޭނާއަށް ހަމަލާދީފައިވަނީ ފަރުވާއަށްފަހު ޑްރަގް އެޖެންސީގެ ވެހިކަލްގައި ގެންދަނިކޮށް ކަމަށް ވެސްވެ އެވެ. އެ ވެހިކަލްއަކީ ޕިކަޕެއް ކަމަށްވެ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "އަވަސް" އަށް ވިދާޅުވީ މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީގެން މިއަދު 1:40 ހާއިރު ހޮސްޕިޓަލަސް ގެނެސްފައިވާ ކަމަށާއި އެ މީހާއަށް ފަރުވާ ދެމުންގެންދާ ކަމަށެވެ. ނަމެވެސް އެ މީހާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.