ހަބަރު

ކޮޅުފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

މ. ކޮޅުފުއްޓަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މުޅި ރަށުގައި ފެންބޮޑުވެއްޖެ އެވެ.

ކޮޅުފުށި ކައުންސިލްގެ ރައީސް ހަސަން ޝާމިލް ވިދާޅުވީ، ރެއިންސުރެ އެރަށަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށާއި ހުއްޓާލީ މިއަދު ހެނދުނު 10:00 އެހާއިރު ކަމަށެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މުޅި ރަށުގައި ފެންބޮޑުވެފައިވާ ކަމަށާއި ބައެއް ސަރަހައްދުތަކުގައި ދޮޅު ފޫޓަށްވެސް ފެންބޮޑުވެފައިވާ ކަމަށެވެ.

ޝާމިލް ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވެފައިވަނީ އެންމެ ގެއަކަށް ކަމަށާއި ގެއްލުންވި ގެއަށްވެސް މާބޮޑެތި ގެއްލުންތަކެއްނުވާ ކަމަށެވެ. އަދި ފެން ހިންދުމުގެ ގޮތުން ޕަންޕް ޖަހައި ރަށުގެ އެކި ހިސާބުތަކުގައި ކޯރު ކަނޑަމުންދާ ކަމަށެވެ. އެކަމުގައި ރަށު ރައްޔިތުންނާއި ކައުންސިލުންނާއި ރެޑްކްރެސެންޓުގެ އިތުރުން ފުލުހުންވެސް ހަރަކާތްތެރިވަމުންދާ ކަމަށް ޝާމިލް ވިދާޅުވި އެވެ.

ރޭ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގައިވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. އަދި މާލޭހިޔާ އެކަކާއި ދޭއްގެ ސީލިން ފޫގޮސްގެން ބައެއް އެޕާޓްމަންޓް ތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކަށް ގަޑިއަކު ތިން މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ.