އިދިކޮޅު ޕާޓީތަކުން އެއް ކެނޑިޑޭޓެއް ނެރުމަށް މަޝްވަރާތައް ފަށައި އެ ކޮމެޓީގެ ޗެއާމަނަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޮއްވަވައިފިއެވެ.
އިދިކޮޅު ޕާޓީތަކުން އެއް ކެނޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް ފަށާފައިވަނީ އިއްޔެ އެވެ. އެ ކޮމިޓީގެ ޑެޕިއުޓީ ޗެއާމަނަކަށް އައްޔަންކޮށްފައި ވަނީ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. އެ މަޝްވަރާތަކުގައި ކޮންމެ ޕާޓީއަކުން ދެ މަންދޫބުން ބައިވެރިވެ އެވެ.
އަބުދުﷲ ރިޔާޒް "އަވަސް" އަށް ވިދާޅުވީ، އިއްޔެ ބޭއްވީ ފުރަތަމަ ބައްދަލުވުގައި މަޝްވަރާ ކުރެވިގެންދިޔައީ ކުރިއަށް އޮތްތަނުގައި މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތްތަކާއިމެދު އިދާރީ ގޮތުން ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން ކަމަށެވެ. އަދި އިއްޔެގެ ބައްދަލުވުމުގައި ޗެއާ އަދި ޑެޕިއުޓީ ޗެއާވެސް ކޮމިޓީގެ މެންބަރުން ހޮވާފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ، މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނީ މިއަަހަރުގެ ރިޔާސީ އިންތިހާބެއްގައި އިދިކޮޅު ސަރުކާރެއް އެކުލަވާލުމާއު ގުޅޭގޮތުން ކަމަށެވެ. އަދި ވިދާޅުވީ، އެއް ކެނޑިޑޭޓެއް ނެރުމުގެ މަޝްވަރާވެސް އޭގެ ތެރޭގައި ހިމެނިގެންދާނެ ކަމަށެވެ.
"މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ސަރުކާރެއް އެކުލަވާލުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދާނީ، އެއް ކެނޑިޑޭޓެއް ނެރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދާނެ، ހުރިހާ ޕާޓީތަކުން ހުށަހަޅާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދާނެ، ތަފާތު ހިޔާލުތައް އެއްގޮތް ކޮށްގެން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަަން އެބައޮތް،" ރިޔާޒް ވިދާޅުވި އެވެ.
މަޝްވަރާތައް ކުރުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއިން މަންދޫބުން ގޮތުގައި ކަނޑައަޅާފައިވަނީ އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި އިބޫ އެވެ.
ދެން އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީގެ މަންދޫބުންނަކީ، އަބްދުﷲ ރިޔާޒާއި ޑރ. ހުސެއިން ރަޝީދު ހަސަނެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މަންދޫބުންނަކީ އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން އާއި އެމަނިކުފާނު އައްޔަންކުރެއްވި ޕީޕީއެމްގެ ނައިބު ރައީސް އައިމިނަތު ނާދިރާ އެވެ. އަދާލަތު ޕާޓީން މަޝްވަރާއަށް ވަޑައިގަންނަވާނެ މަންދޫބުންނަކީ ޝިދާތާ ޝަރީފާއި އެ ޕާޓީގެ ސެކްރެޓްރީ ޖެނަރަލެވެ.