ދުނިޔެ

މުޒާހަރާތަކާ ހެދި މުމްބާއި ހުއްޓުމަކަށް

އިންޑިއާގައި ' ދަށް ފަންތިއެއް" ކަމަށް ބަލާ ދާލިތު ނަސްލުގެ މީހުން ފެށި މުޒާހަރާ ތަކަކާ ހެދި އެގައުމުގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީގެ ދަތުރުފަތުރަށް ބުރޫ އަރައިފިއެވެ.

ބީބީސީ ބުނީ މުޒާހަރާގެ ސަބަބުން އެތައް ރޭލު ދަތުރެއް ހުއްޓި ނުވަތަ ލަސް ކުރަން ޖެހިފައިވާ ކަމަށާއި ބަސްތަކަށް ގެއްލުންވެ، ސްކޫލްތައް ވެސް ބަންދުކޮށްފައިވާ ކަމަށެވެ.

ދާލިތު މީހުންގެ މުޒާހަރާތައް މުމްބާއީގެ އިތުރުން، އެ ޝަހަރު އޮންނަ މަހާޝްތުރާ ސްޓޭޓުގެ އެހެން ބައެއް ސަރަހައްދުތަކަށް ވެސް ވަނީ ފެތުރިފައެވެ. އެމީހުން މުޒާހަރާ ކުރަން ފެށީ ހަރުކަށި ހިންދޫ ޖަމާއަތްތަކުން އެމީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވައިދިނުން އެދިއެވެ. ހަރުކަށި ހިންދޫންގެ ގްރޫޕަކުން ވަނީ މިދިޔަ ހޯމަ ދުވަހުވެސް އެފަދަ ޖަރީމާއެއް ހިންގާފައެވެ. އެގޮތުން ހަރުކަށި ހިންދޫ މީހުންނާ ދާލިތުމީހުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި އެކަކު މަރުވިއެވެ.

ޕޫނާގައި އެހަމަނުޖެހުން ހިނގީ ' މަތީ ފަންތި ' ކަމަށް ބަލާ ޚާންދާނެއްގެ ރަސްކަލަކާ ދެކޮޅަށް ދާލިތު މީހުން ކުރި ހަނގުރާމައެއްގައި އެމީހުނަށް ނަސްރެއް ލިބުނުތާ 200 އަހަރު ފުރުން ފާހަގަ ކުރުމަށް އެމީހުން އެއްވުމުންނެވެ. އެއީ އިންޑިއާގެ މައްްޗަށް އަތް ގަދަކޮށްގެން ކުރިން ތިބި އިނގިރޭސި ބާރުތަކާ ގުޅިގެން ކުރި ހަނގުރާމައެކެވެ.

އިންޑިއާ ފުލުހުން މިހާރު ވަނީ މުޒާހަރާއަށް ނުކުތް މީހުންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. މަހާރާޝްތުރާގެ ސަރަހައްދީ ސަރުކާރުން މިހާރު ވަނީ ދާލިތު މީހުން ސުލްހަވާން ގޮވާލާފައެވެ. އެ ސްޓޭޓުގެ ޗީފް މިނިސްޓަރު ދެވެންދުރާ ފަދުނާވިސް ވަނީ ޕޫނާގައި ހިނގި ހަމަނުޖެހުންތައް ތަހުގީގު ކުރަން ކަމާ ބެހޭ އިދާރާތަކަށް އަމުރުކުރައްވާފައެވެ.

އިންޑިއާގައި މިހާރު ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ ވެރިކަމަށް އައި ފަހުން ކަނާތުފިޔައިގެ ހަރުކަށި ހިންދޫން ހިންގާ ޖަރީމާތައް ވަނީ އިތުރުވެފައެވެ. އެމީހުން ގިނައިން ހަމަނުޖެހުން ހިންގަނީ މުސްލިމުންނާއި ދާލިތު މީހުންނާ ދެކޮޅަށެވެ.