ދުނިޔެ

އިޒުރޭލުގައި އަލްޖަޒީރާ މަނާކޮށް އޮފީސް ލޫޓުވައިފި

އިޒުރޭލުގައި އަލްޖަޒީރާ ހިންގުން މަނާކޮށް ބެންޖަމިން ނަތަންޔާހޫގެ ޒަޔަނިސްޓް ސަރުކާރުން ސިފައިން ލައްވައި އެ ގައުމުގައި ހުންނަ އަލްޖަޒީރާ އޮފީސް ލޫޓުވައިފި އެވެ.

ގަތަރުގައި މައި އޮފީސް ހުންނަ އަލްޖަޒީރާ ނޫސް އެޖެންސީ އިޒުރޭލަށް ވެފައި އޮންނަނީ ބޮލުގައި ރިހުމަކަށެވެ.

ފަލަސްތީންގައި އަދި ހާއްސަކޮށް ޣައްޒާ އާއި ޚާން ޔޫނިސްގައި ޒަޔަނިސްޓުން ހިންގާ އަނިޔާވެރި އަމަލުތައް ދުނިޔެއަށް ދެއްކުމުގައި ހުޅަނގަށް ވިކިފައި ތިބި ނޫސް އެޖެންސީތަކަށް ވުރެ އަލްޖަޒީރާގެ ހުށަހެޅުންތައް މާފުރިހަމަ އެވެ.

މި ސަބަބަށްޓަކައި އަލްޖަޒީރާ ނޫސް އެޖެންސީ މަނާކުރަން އިޒުރޭލުން ވަނީ ލައްކަ މަސައްކަތްކޮށްފަ އެވެ.

އިޒުރޭލުން މި ފަހަރު އަލްޖަޒީރާ މަނާކުރީ ގާނޫނު ހަދާ މަޖިލީހަށް -- މިކަމަށް ހާއްސަ ބިލެއް ހުށަހަޅައި، ބަހުސްކުރުމަށްފަހު އެވެ.

ގާނޫނު ހަދާ މަޖިލީހުން ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، އިޒުރޭލުގެ ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ އެ ޗެނަލުން އެއްވެސް އެއްޗެއް ދެއްކުން މަނާކޮށްފަ އެވެ.

އަލްޖަޒީރާ މަނާކުރުމަކީ ބެންޖަމިން ނަތަންޔާހޫ ސަރުކާރުގައި ހިމެނޭ ބޮލުރޮދި ކެނޑިފައި ތިބި ވަޒީރުން ކުރަން ކެތްމަދުވެފައި އޮތް ކަމެކެވެ. ޣައްޒާ ހަނގުރާމަ އޮކްޓޯބަރު ހަތެއްގައި ފެށުމާ އެކުވެސް، އަލްޖަޒީރާ މަނާނުކުރެވިގެން ހީވީ އެހެންފަދަ ކަމެއްހެނެވެ.

އަލްޖަޒީރާ މަނާކުރުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި އަލްޖަޒީރާ އަކީ އިޒުރޭލުގެ ރައްކާތެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

އަލްޖަޒީރާއިން ކުރާ ހަމައެކަނި ކަމަކީ ހަމާސްއަށް ވާގިވެރިވުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ހަމާސްއިން ދައްކާ ވާހަކަތައް އާންމު ރައްޔިތުންނަށް ނީވޭނެ ގޮތް ހެދުމަކީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

އިޒުރޭލުގެ ކޮމިއުނިކޭޝަން މިނިސްޓްރީގެ އަމުރަށް މިހާރު ވަނީ އަލްޖަޒީރާގެ ވެބްސައިޓް ވެސް އިޒުރޭލަށް ނުފެންނަ ގޮތް ހަދާފަ އެވެ. އަދި އަލްޖަޒީރާއަށް ނިސްބަތްވާ ކެމެރާ ފަދަ މަންޒަރެއް ކުރެހިދާނެ އެއްވެސް އިކުއިޕްމަންޓެއް ބޭނުންކުރުންވެސް ވަނީ މަނާކޮށްފަ އެވެ.