ހަބަރު

ބައި އިލެކްޝަން އިއުލާން ކުރިތާ 130 ދުވަސް: މަޝްވަރާއަކުން ނޭރި!

ރައްޔިތުން މަޖިލީހުގައި ހުސްވެފައިވާ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާ، އެކަން އިއުލާން ކުރިތާ މިއަދަށް 130 ދުވަސް ވެއްޖެ އެވެ. ނަމަވެސް މިއަދާ ހަމަޔަށް ވެސް އެ ދާއިރާތަކުގެ އިންތިހާބެއް ބޭއްވޭ ގޮތެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި މެންބަރަކު ޕާޓީ ބަދަލުވުމުން ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން މިހާތަނަށް ޕީޕީއެމްގެ ކުރީގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ގާނޫނު އަސާސީގައި ބުނާ ގޮތުން ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮނޑި ހުސްވާތާ 60 ދުވަސް ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަން އީސީއަށް ލާޒިމް ކުރެ އެވެ. ނަމަވެސް 60 ދުވަސް ހަމަވީއިރު އެ ކޮމިޝަނުން ބުނެފައި ވަނީ އެކަށީގެންވާ ބަޖެޓެއް ނެތިގެން އިންތިހާބުތައް ފަސް ކުރި ވާހަކަ އެވެ.

ނަމަވެސް ބައި އިލެކްޝަން ބޭއްވުމަށް މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ސަރުކާރުން ވަނީ 26 މިލިއަން ރުފިޔާގެ ބަޖެޓެއް އެ އިންތިހާބުތަކަށް ހަމަޖަައްސައި ދިނުމަށް ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނާ މަޖިލީހަށް ހުށަހަޅައިފަ އެވެ. އަދި އެ މަހު 26 ވަނަ ދުވަހު ބަޖެޓު ފާސް ކުރި ނަމަވެސް މިއަދާ ހަމަޔަށް ވެސް ބައި އިލެކްޝަންތައް ބާއްވާފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން "އަވަސް"އިން މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އީސީގެ ސެކްރެޓަރީ ޖެނަރަލް އަހުމަދު އަލީ ވިދާޅުވީ ބައި އިލެކްޝަނާ ގުޅޭ މަސައްކަތްތައް އަދިވެސް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެކަމާ ގުޅުން ހުރި މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ. އަދި އެކަމުގައި އާންމު ގޮތެއްގައި މައުލޫމާތު ދެއްވާ، އީސީގެ ނައިބު ރައީސް އަމްޖަދު މުސްތަފާގެ ފޯނަށް ގުޅި ނަމަވެސް ޖަވާބެއް ނުދެއްވަ އެވެ.

އީސީން ބައެއް ދާއިރާތަކުގެ ބައި އިލެކްޝަން އިއުލާންކޮށްފައި ވަނީ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލާގައި ސުވާލު އުފެދި، ހިޔާލު ތަފާތުވެފައި ވަނިކޮށެވެ.

ގޮނޑިއާ މެދު ގޮތެއް ނިންމައި ދިނުމަށް އެދި ގޮނޑި ގެއްލުނު ހަތަރު މެންބަރަކު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ސުޕްރީމް ކޯޓުން ދިން ޖަވާބުގައި ބުނެފައި ވަނީ އެކޯޓުގެ ކުރީގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް ފެތޭނީ އެ ހުކުމް ކުރި ތާރީހު ކަމަށްވާ 13 ޖުލައި 2017 ގެ ފަހުން ހިނގާ ކަންތައްތައްތަކުގެ މައްޗަށް ކަަމަށެވެ.

އަދި އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް އެ ކޯޓު އަމުރުގެ ޒަރިއްޔާއިން އިތުރަށް ކަށަވަރުކޮށްދީފައިވާނެ ކަަމާއި އެހެންވީމާ އެ ގަޒިއްޔާގައި ވާ އަހުކާމުތައް ތަތުބީޤު ވާނީ އެ ތާރީހުގެ ފަހުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ. އެގޮތުން އެ ތާރީހާ ހަމައަށް މެމްބަރުންގެ ގޮތުގައި ތިބި ބައެއްގެ މެމްބަރުކަމާ މެދު ހިލާފު އުފެދޭނެ އެއްވެސް ސަބަބެއް ނެތްކަން ހުކުމާއި ކޯޓު އަމުރުން އެގެން އޮންނާތީ އެ މައްސަަލައިގައި އިތުރަށް ގޮތެއް ނިންމަން ނުޖެހޭ ކަމަށެވެ.