ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕްގެ ނަފުސާނީ ދުޅަހެޔޮކަމާ މެދު ސުވާލެއް ނުކުރަން: ޓިލާސަން

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ނަފުސާނީ ދުޅަހެޔޮކަމާ މެދު ދުވަހަކު ވެސް ސުވާލު ނޫފައްދަވާ ކަމަށް އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ރިކްސް ޓިލާސަން ވިދާޅުވެއްޖެ އެވެ.

ޓިލާސަން މި މޭރުމުން ވާހަކަފު ދެއްކެވީ އެމެރިކާގަައި މިހާރު ޝާއިއުކޮށްގެން އުޅޭ ފޮތެއްގައި ޓްރަމްޕްގެ ނަފުސާނީ ދުޅަހެޔޮކަމާ ބެހޭ ގޮތުން ލިޔެފައިވާ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

މަައިކަލް ވުލްފް ނަމަކަށް ކިޔާ ލިއުންތެރިއަކު ލިއުނު އެ ފޮތުގައި ބުނެފައި ވަނީ "ޓްރަމްޕްގެ މުވައްޒަފުން އޭނާއާ މެދު ދެކެނީ ކުޑަކުއްޖެއްގެ ވިސްނުން ހުންނަ ބޭފުޅެއްގެ ގޮތުގައި" ކަމަށެވެ. "ފަޔާ އެންޑް ފިއުރީ" ގެ ނަމުގައި ލިޔެފައިވާ އެ ފޮތް ޝާއިއު ކުރުން ހުއްޓުވުމަށް ޓްރަމްޕް މަސަައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ކުރިން ހަމަޖައްސާފައި އޮތް ތާރީހަށް ވުރެވެސް އަވަހަށް މިހާރު ވަނީ ބާޒާރަށް ނެެެރެފަ އެވެ.

އެ ފޮތުގައި ވަަނީ ހުސް ދޮގު ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ލިއުންތެރިޔާއަށް ފާޑުވިދާޅުވެފަ އެވެ. އެ ފޮތަކީ އޭނާއަށް ގެއްލުންދޭން މީޑިއާއިން ބާރު އަޅައިގެން ލިޔެފައިވާ ފޮތެއް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕަކީ "މޮޔައެއް" ކަމަށް ޓިލާސަން ވިދާޅުވި ކަމަށް އެމެރިކާގެ މީޑިއާތަކުން ކުރިން ވަނީ އަޑު ފަތުރާފަ އެވެ. ނަމަވެސް އޭނާ ވިދާޅުވީ ޓްރަމްޕްުގެ ނަފުސާނީ ދުޅަހެޔޮކަމާ މެދު ސުވާލު އުފައްދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި އެއީ [ޓްރަމްޕަކީ ނަފުސާނީ ގޮތުން ދުޅަހެޔޮ ބޭފުޅެއްކަން އެއީ] އެންމެނަށް ވެސް އެނގޭ ކަމެއް. އެމެރިކާ މީހުން އޭނާ އިހުތިޔާރު ކުރި ސަބަބަކީ ވެސް އެއީ،" ޓިލާސަން ވިދާޅުވި ކަަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.

ފޮތާ ބެހޭ ގޮތުން ނޫސްވެރިން ކުރި ސުވާލު ތަކަށް ޖަވާބު ދެއްވަން ޓްރަމްޕް ވަނީ ހުކުރު ދުވަހު ދެކޮޅު ހައްދަވާފަ އެވެ. ނޫސްވެރިން އޭނާއަށް އެ ސުވާލުތައް ކުރިމަތި ކުރީ ކޭމްޕް ޑޭވިޑަށް ވަޑައިގަންނަވަން ދަތުރުފުޅު ފައްޓަވަން އުޅުއްވަނިކޮށެވެ.

ވުލްފްގެ ފޮތުގައި ބުނެފައި ވަނީ ޓްރަމްޕްގެ މުވައްޒަފުން އޭނާއަކީ ކުޑަ ކުއްޖެއް ފަދަ ބޭފުޅެއް ކަމަށް ސިފަ ކުރަނީ އޭނާ ކުރައްވާ ކަންތައްތަކަށް މީހުން ވަގުތުން ތައުރީފު ކުރަން އޭނާ އެދިވަޑައިގަންނަވާތީ ކަމަށެވެ.