ދުނިޔެ

ޕާކިސްތާނުގައި ޗައިނާގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް އަޅަނީ

ޕާކިސްތާނުގައިވާ ސްޓްރެޓެޖިކް ގޮތުން މުހިއްމު ސަރަހައްދެއްގައި ކަނޑުގެ ސިފައިންގެ މަރުކަޒެއް ގާއިމްކުރަން ޗައިނާއިން ނިންމާފައިވާ ކަމަށް އެގައުމުގެ ނޫހަކުން ބުނެފިއެވެ.

ހޮންކޮންގައި ހިންގާ ސައުތު ޗައިނާ މޯނިން ޕޯސްޓް ނޫހުން ބުނީ ކަނޑުގެ ސިފައިންގެ މަރުކަޒު އަޅަން ނިންމާފައި ވަނީ އަރަބި ކަނޑުގެ އައްސޭރީގައިގާ ގައުދާރު ނަމަކަށް ކިޔާ ރަށުގެ ކައިރީގައި ކަމަށެވެ. ގައުދާރުގެ ބަނދަރު ރަނގަޅު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއްް ޗައިނާއިން މިހާރުވެސް އަންނަނީ ހިންގަމުންނެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި ދިރިއުޅުއްވާ މިލިޓަރީ އެނަލިސްޓެއް ކަމަށްވާ ޒޮއު ޗެންމިން ނޫހަށް ވިދާޅުވެފައި ވަނީ ގައުދާރުގެ ކަައިރީގައި ގާިއމް ކުރާ މަރުކަޒު ބޭނުން ކުރާނީ ޗައިނާގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް ބަނދަރު ކުރުމަށާއި މަރާމާތު ކުރުމަށާއި އެ އުޅަނދުތަކަށް ބޭނުންވާ ތަކެތި ބަރުކުރުމަށް ކަމަށެވެ.

"ޗައިނާއިން ބޭނުންވޭ ގައުދާރުގައި އެހެން ބަނދަރެއް ހަދަން. އެހެނީ ގައުދާރު ބަނދަރަކީ މަދަނީ ބަނދަރެއް،" ޒޮއު ވިދާޅުވި ކަަމަށް ނޫހުގައި ވެެއެވެ.

ނޫހުން ބުނީ ޖިބޫތީގައި ޗައިނާއިން މިހާރު ހުޅުވައި ބޭނުންކުރަން ފަށާފައިވާ އަސްކަރީ ބަނދަރު ފަދަ ބަނދަރެއް ގައުދާރުގެ ކައިރީގައި ބިނާކުރަން ޗައިނާއިން ނިންމާފައިވާކަން އަސްކަރީ އެހެން މަސްދަރަކުން ވެސް ކަށަވަރުކޮށްދީފައިވާ ކަމަށް ނޫހުން ބުންޏެވެ.

"މަނަވަރުތަކަށް ބޭނުންވާ ހާއްސަ ހިދުމަތްތަކެއް ނުދެވޭނެ ގައުދާރު ބަނދަރަކުން. އެެތަނުގެ އަމަން އަމާން އޮތީ ބޮޑު ކަންތައްގަނޑެއްގެ ތެރޭގައި. މިލިޓަރީ ލޮޖިސްޓިކަލް ސަޕޯޓަށް އެއީ ކަމުދާ ތަނެއް ނޫން،" ސައުތު ޗައިނާ މޯނިން ޕޯސްޓާ ވާހަކަދެއްކި އަސްކަރީ މަސްދަރު ބުނެފައި ވެއެވެ.

ޕާކިސްތާނުގައި އަޅާ މަރުކަޒުގެ މަސައްކަތް ފަށާނީ ކޮން އިރަކުން ކަމެއް ނޫހަކުން ނުބުނެއެވެ.

ޕާކިސްތާނުގައި ޗައިނާގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް ގާއިމް ކުރުމުގެ ވާހަކަތައް ފެންމަތިވެފައި މިވަނީ އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަވާތީ އިންޑިއާއާއި އެމެރިކާއިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެމެެރިކާއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން ވެސް ވަރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.