ދުނިޔެ

އިހުތިޖާޖުކުރި ސައުދީ އަމީރުންތަކެއް ހައްޔަރުކޮށްފި

ސަރުކާރުން ޔޫޓިލިޓީ ބިލްތައް ދައްކައި ދިނުން ހުއްޓައިލުމުން އެކަމާ ދެކޮޅަށް ޝާހީ ގަނޑުވަރަކަށް އެއްވެ އިހުތިޖާޖު ކުރުމުން ސައުދީ ޝާހީ އާއިލާގެ 11 ބޭފުޅަކު ހައްޔަރުކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލާދީ އަރަބް ނިއުސް ބުނީ ވެރިރަށް ރިޔާޒުގައިވާ ގަސްރުލް ހުކުމް ނަމަކަށް ކިޔާ ގަނޑުވަރުގެ ކައިރިއަށް އެއްވި އަމީރުން އެދުނީ ފެނާއި ކަރަންޓް ބިލަށް ސަބްސިޑީ ދިިނުން ހުއްޓައިލުމަށް ނެރުނު ޝާހީ ގަރާރު އުވައިލުމަށް ކަމަށެވެ. ސައުދީ ސަރުކާރުން 2016 ވަނަ އަހަރު އެބޭފުޅަކަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ އަމީރު ތުރުކީ ބިން ސައުދު އަލް ޚަބީރުގެ މަރުގެ ދިފަ ދިނުަމަށް ވެސް ގަނޑުވަރަށް އެއްވި އަމީރުން ވަނީ ގޮވާލާފައެވެެ.

އެޓާނީ ޖެނެރަލް ސައުދު އަލް މުޖީބު ނެެރުއްވި އެކަމާ ބެހޭ ގޮތުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ގަނޑުވަރު ދެށަށް އެއްވި އަމީރުން ހައްޔަރު ކުރީ އެ ބޭފުޅުން އަމަލު ކުރައްވާފައި ވަނީ ގާނޫނާ ހިލާފަށް ކަން އަންގައި އެބޭފުޅުން އެތަނުން ދިއުމަށް އެންގުމަަށް ފަހު ނުދިއުމުން ކަމަަށެވެ. ހައްޔަރު ކުރީ އަމީރުން އަލް ހައިރު ނަމަކަށް ކިޔާ ޖަލަށް ގެންގޮސްފައިވާ ކަމަށާއި އެއީ ޝަރީއަތް ނިމެންދެން ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

ސައުދީ އަރަބިއްޔާގެ ބަޖެޓް ޑެފިސިޓް 195 ބިލިޔަން ރިޔާލައަށް އެރުމުން، ދައުލަތުގެ ހަރަދުތައް ކުޑަ ކުރަންް މިދިޔަ ހޮނިހިރު ދުވަހު ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގައުމުގައި ކަރަންޓާއި ފެނަަށް ކުރިން ދެމުން އައި ސަބްސިޑީ ހޮނިހިރު ދުވަހު ނެރުނު ގަރާރުންް ވަނީ ކަނޑާލާފައެވެ.

މިދިޔަ 2017 ވަަނަ އަހަރުގެ ފަހުކޮޅުގައި ވެސް ސައުދީ ޝާހީ ބޭފުޅުންތަކަކާއި ބައެއް ވިޔަފާރިވެރިން ވަނީ ހައްޔަރުކޮށްފައެވެ. ކޮރަޕްޝަނުގެ ތުހުމަތަށް ހައްޔަރު ކުރި އެ ބޭފުޅުންގެ ތެރޭގައި ބިލިޔަނަރު އަލް ވަލީދު ބިން ތަލާލް ވެސް ހިމެނިވަޑައިގަންނަވައެވެ.