ދުނިޔެ

މިޔަންމާއާ ހަނގުރާމަކުރުން ނޫން ގޮތެއް ނެތް: ރޯހިންޔާ ހަނގުރާމަވެރިން

މިޔަންމާ ސަރުކާރުން ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށް ރޯހިންޔާ ދަރިކުގެ ބަޔަކު ހިންގާ ހަނގުރާމަވެރި ޖަމާއަތުން ބުނެފިއެވެ.

އަރާކަން ރޯހިންޔާ ސެލްވޭޝަން އާމީ( އާރްއެސްއޭ) އިން ވަނީ މިޔަންމާ ސިފައިންނާ ދެކޮޅަށް ހުކުރު ދުވަހު ހަމަލާއެއް ދީފައެވެ. އެހަމާލާއަށް ފަހު ނެރުނު ބަޔާނެއްގައި އެ ޖަމާއަތުން ބުނީ ހަނގުރާމަކުރަން ޖެހެނީ ރޯހިންޔާ ދަރިކޮޅުގެ މީހުން ދިފާއުކުރަން ކަމަށެވެ. ރޯހިންޔާ މީހުންގެ ހިޔާލު ނުހޯދައި އެމީހުންްނާ ގުޅޭ ކަންކަމުގައި ގޮތް ނުނިންމަންވެސް ހަނގުރާމަވެރިން ވަނީ ގޮވާލާފައެވެ.

އާރްއެެސްއޭގެ ހަނގުރާމަވެރިން މިޔަންމާ ސިފައިންނާ ދެކޮޅަށް އެންމެ ވަރުގަދަ ހަމަލާއެއް ދީފައި ވަނީ މިދިޔަ 2017 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 25 ވަނަ ދުވަހުއެވެ. އެދުވަހުގެ ހަމަލާތަކުގައި މިޔަންމާގެ ބައެއް ސިފައިންނާއި ފުލުހުން މަރުވިއެވެ. ނަމަވެސް އޭގެ ފަހުން ހަނގުރާމަވެރިންނަށް ކަމެއް ކުރެވިފައި ނުވާ އިރު އެ ހަމަލާގެ ބަދަލުގައި ކަމަށް ބުނެ މިޔަންމާ ސިފައިން ވަނީ ރާޚައިން ސްޓޭޓުގައި މުސްލިމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާފައެވެ.

އެގޮތުންް ހިންގި ޖަރީމާތަކުގެ ތެރޭގައި މީހުން މެރުމާއި އިތްފަތްފޭރުމާއި ލާއިންސާނީ އަނިޔާތައް ދިނުން ހިމެެނެއެވެ. އެސަރަަހަދުން ރޯހިންޔާ މީހުން ހުސްކުރަން ހިންގި އެ ޖަރީމާތަކުގައި އެމީހުން ދިރިއުޅޭ ގިނަ އަވަށްތަކެއްގައި ހުޅުޖަހައި އަންދާވެސް ލިއެވެ. އެ އަނިޔާވެރިކަމުން ސަލާމަތްވާން އަވަށްޓެރި ބަންގްލަދޭޝްއަށް ދިޔަ މީހުންގެ އަދަދު ވަނީ ހަލައްކަައަށް ވުރެ މަތިވެފައެވެ.

ރޯހިންޔާ ހަނގުރާމަވެރިން މިޔަންމާ ސިފައިންނަށް އަލުން ހަމަލާއެއް ދީފައި މިވަނީ ބަންގާޅުގައި ތިބި ރޯހިންޔާ މީހުން އަނބުރާ ގެންދަން މިޔަންމާ އާއި ބަންގާޅު ސަރުކާރުންް އެއްބަސްވެފައި ވަނިކޮށެވެ މިޔަންމާ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ހަނގުރާމަވެރިންގެ ބޭނުމަކީ މީހުން އެނބުރި އަޔަ ނުދިނުމެވެ.