ދުނިޔެ

އީރާނުގެ ކުރީގެ ރައީސް މަހްމޫދޫ އަހުމަދީ ނިޖާދު ހައްޔަރުކޮށްފި

އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން އެ ގައުމުގެ ކުރީގެ ރައީސް މަހުމޫދު އަހުމަދީ ނިޖާދު ހައްޔަރު ކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުން ބުނެފި އެވެ.

އަލް ގުދުސް އަލް އަރަބީ ނަމަކަށް ކިޔާ ނޫހަކާ ހަވާލާދީ އަލް އަރަބިއްޔާ އިން އިއްޔެ ބުނީ ނިޖާދު ހައްޔަރު ކުރީ ހަމަނުޖެހުމަށް ހިތްވަރު ދެއްވި ކަމުގެ ތުހުމަަތަށް ކަމަށެވެ. އީރާނުގައި ހުރި އިތުބާރު ކުރެވޭ މަސްދަރަކުން ބުނި ކަމަށް އަލް ގުދުސް އަލް އަރަބީ ނޫހުން ބުނީ އޭނާ ގޭ ބަންދަށް ބަދަލު ކުރަން އީރާނު ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. ނީޖާދު ހައްޔަރު ކުރީ ޝިރާޒް ނަމަކަށް ކިޔާ ޝަހަރުގައި އުޅުއްވަނިކޮށް ކަމަށް ވެސް ބުންޏެވެ.

ނިޖާދު ވަނީ މިދިޔަ ޑިސެމްބަރު މަހު އިރާނުގެ ބޫޝެހެރް ނަމަކަށް ކިޔާ ރަށުގައި ވާހަކަފުޅު ދައްކަވަމުން އީރާނު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އީރާނުގެ ރައީސް ހަސަން ރޫހާނީ ދެކެވަޑައިގަންނަވަނީ ބިމަކީ އޭނާގެ އެއްޗެއް ކަމަށް ކަމަށާއި ރައްޔިތުންނަކީ ޖާހިލުން ކަމަށް ރޫހާނީ ހީފުޅު ކުރައްވާ ކަމަށެވެ.

އަހުމަދީ ނިޖާދު ހައްޔަރު ކުރިކަން އީރާނު ސަރުކާރުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން އީރާނުގައި ފެށި މުޒާހަރާތަކަކީ ފަހުގެ ތާރީހެއްގައި އެ ގައުމުގައި ކުރި އެންމެ ވަރުގަދަ މުޒާހަރާތަކެވެ. އެ މުޒާހަރާތައް ފެށީ ތަކެއްޗާއި މުދަލުގެ އަގު އުފުލި ދިރިއުޅުމުގެ ހަރަދު ބޮޑުވެ، މީހުން ހިތްހަމަ ނުޖެހިގެންނެވެ. ނަމަވެސް އީރާނު ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި އެ މުޒާހަރާތަކަކީ ބޭރު ފަރާތްތައް އަޑީގައި ތިބެގެން ކުރާ ކަމެއް ކަމަށެވެ. މުޒާހަރާތައް މިހާރު ހުއްޓުމަކަށް ގެނެވިފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އިއްޔެ ވަނީ ބުނެފަ އެވެ.