ކުޅިވަރު

ލީގް ހޯދާ ވާހަކަ ދެން ދައްކާނެ ކަމެއްނެތް: ޒިދާން

ސްޕެނިޝް ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން، މި ސީޒަންގައި ލީގް ޗެމްޕިއަންކަން ހޯދާ ވަހަކަ ދެން ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް، އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ރޭ ސެލްޓައާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު، ރެއާލް އަށް ވަނީ މުހިންމު ދެ ޕޮއިންޓް ގެއްލިފަ އެވެ. މިހާރު އެޓީމާ އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާއާ ދެމެދު 16 ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ. އަދި ރެއާލް އޮތީ ތާވަލުގެ ހަތަރު ވަނައިގަ އެވެ.

"މިހެން ޕޮއިންޓް ގެއްލެންޏާ އަހަރެމެން ދެން ކޮންމެ ހަފުތާއަކު، ލީގް ހޯދާ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް،" މެޗަށް ފަހު ހިތްހަމަނުޖެހި ހުރެ، ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ. "ދެން ވިސްނަވީ މެޗަކަށް ފަހު މެޗަކުން މޮޅުވުމަށް،"

އޭނަ ބުނީ މެޗުގެ ނަތީޖާއާ މެދު އެންމެން ތިބީ ހިތްހަމަނުޖެހިފައި ކަމަށެވެ.

"އަހަރެމެން ހިތްހަމައެއް ނުޖެހޭ މެޗުން ވީގޮތާމެދު، ފުރަތަމަ ހާފުގައެއް ނޫން، ދެ ވަނަ ހާފުގައި ވެގެންދިޔަ ގޮތާ މެދު އެންމެ ހިތްހަމަ ނުޖެހުނީ، މިއަށްވުރެ ރަނގަޅަށް އަހަރެމެންނަށް ކުޅެވޭނެ. މެޗުގައި 90 މިނެޓް އަހަރެމެންނަށް ރަނގަޅަށް ނުކުރެވުނު." ޒިދާން ބުންޏެވެ.

ރޭގެ މެޗުގައި، ރެއާލު ލީޑްގައި އޮވެ، ނިމެން ދަނިކޮށް، އެއްވަރުވީ މެޗުގެ ފަހު ކޮޅުގައި ސެލްޓަ އިން ކާމިޔާބު ކުރި ލަނޑުންނެވެ.