ރައީސް އޮފީސް

މަތީ ދަރަޖަ ހޯދާ މީހުނަށް އިނާމު ދޭ ކޮމިޓީ އެކުލަވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ ހާއްސަ އިނާމާބެހޭ ފަންނީ ކޮމިޓީ، ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އަލުން އެކުލަވާލައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމާބެހޭ ފަންނީ ކޮމިޓީގެ މުއްދަތު މިދިޔަ އަހަރުގެ ނިޔަލަށް ހަމަވެފައިވާތީ، އެ ކޮމިޓީ ރައީސް ޔާމީން އަލުން އެކުލަވައިލެއްވީ ކަމަށެވެ.

އަލަށް އެކުލަވާލި ކޮމިޓީގައި ފަސް ބޭފުޅުން ހިމެނެ އެވެ. އެގޮތުން ކޮމިޓީގެ ޗެއަމަނަކީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ. ދެން ހިމެނޭ ފަރާތްތަކަކީ މ. ދާޝިން ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި މ. އެމޭޒަން ޑރ. މަރްޔަމް ސުޒީ އާދަމާއި މއ. ވިލާރޮދި އައިޝަތު ޝާހީނާ އަދި ވ. އަކީލާ ޑރ. އަބްދުލްއަޒީޒް ޔޫސުފެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ހާއްސަ އިނާމު ދޭ މަގްސަދަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީ އާއި ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރު ދިނުމެވެ. އަދި ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިސްރާބު ކުރުމެވެ.

ހާއްސަ އިނާމު ދެއްވަން ހަމަޖައްސަވާފައިވަނީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގައެވެ.