މީދުއްޕަރު

އަނެއްކާވެސް ސްނޯކްލިންއަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ

މޫދަށް އެރި އުޅުނު ޓޫރިސްޓަކު މަރުވިތާ މަސްދުވަސްް ނުވަނީސް އަނެއްކާވެސް ރާއްޖޭގެ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ސްނޯކްލިންއަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވީ ރ. މީދުއްޕަރު ރިސޯޓުގައި ކަމަށެވެ. މަރުވީ އުމުރުން 62 އަހަރުުގެ ޖަރުމަނު ފިރިހެނެކެވެ. އެ ހާދިސާއާ ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބެއެވެ.

ރާއްޖޭގެ މޫދަށް އެރި އުޅުމުގައި ޓޫރިސްޓުން ގެނބިގެން މަރުވުމުގެ ހާދިސާތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. މި މަހުގެ ހަތް ވަނަ ދުވަވެސް ޓޫރިސްޓަކު މަރުވި އެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ސަފާރިއަކުން މޫދަށް ފޭބި ޓޫރިސްޓަކު ވެސް މަރުވިއެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުވެސް ސްނޯކްލިންއަށް ދިޔަ ޓޫރިސްޓަކު މަރުވިއިރު އޭގެ ކުރިން 2016 ވަނަ އަހަރުވެސް އެފަދަ ގިނަ ހާދިސާތައް ހިނގާފައި ވެއެވެ. އެގޮތުން އެެއަހަރުގެ ޖެނުއަރީމަހާއި ޖޫމް މަހުވެސް އެފަދަ ދެހާދިސާ ހިނގިއެވެ.