އީޔޫ

އެއްބާރުލުން އިތުރުކުރަން އީޔޫ ވަފުދެއް ރާއްޖެއަށް

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ރާއްޖެއާ ދެމެދު އޮންްނަ އެއްބާރުލުމާއި ދެ ފަރާތުން ކުރާ މަޝްވަރާތައް އިތުރު ކުރަން އެ ޖަމާއަތުގެ ވަފުދެއް ރާއްޖެއަށް އަންނަން ނިންމައިފި އެވެ.

އީޔޫން ބުނީ އެ ޖަމާއަތުގެ ވަފުދު ރާއްޖެއަށް ޒިޔާރަތް ކުރާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

ރާއްޖެއަށް އަންނަ އީޔޫގެ ވަފުދުގެ ވެރިޔަކަށް ހުންނަވާނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް) ގެ އޭޝިއާއާ ބެހޭ ބައިގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރް ޕައުލާ ޕަމްޕަލޯނީ އެވެ. އީޔޫއިން ރާއްޖެއަށް ހާއްސަކޮށްފައިވާ ވަފުދުގެ ވެރިޔާ ޓަން ލާއީ މާގޫ ވެސް އެ ވަފުދުގައި ހިމެނިވަޑައިގަންނަވާނެ އެވެ.

ވަފުދުން ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވަނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ހޯމް މިނިސްޓަރު އަހުމަދު އަޒްލީނާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ޑިފެންސް މިނިސްޓަރް އާދަމް ޝަރީފް އުމަރާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއާ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދާ ވެސް އެވަފުދުން ބައްދަލު ކުރައްވާނެ އެވެ.

ވަފުދުގެ ޒިޔާރަތާ ބެހޭ ގޮތުން އީޔޫން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ޒިޔާރަތުން ދައްކައި ދެނީ އެޖަމާއަތާއި ރާއްޖެއާ ދެމެދު މަޝްވަރާ އާއި އެއްބާރުލުން އިތުރު ކުރުމަށް ދެފަރާތުގެ މަސްލަހަތު އޮތް މިންވަރު ކަަމަށެވެ. އަދި ބުނީ އެކި ދާއިރާތަކުން ދެފަރާތުގެ ދެމެދުގައި އޮތް ގުޅުން އެ ޒިޔާރަތުގައި މުތާލިއާ ކުރާނެ ކަަމަަށެވެ. އެގޮތުން މަޝްވަރާ ކުރާނެ ދާއިރާތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ތަކުން ދިފާއުވުމާއި ތިމާވެށި ހިމާޔަތް ކުރުމާއި ޓެރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމާއި ސަރަހައްދީ އެއްބާރުލުން ހިމެނެއެވެ.

ބަޔާން ނިންމާލަމުން ބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި މިހިނގާ 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ވެސް އެޖެންޑާގައި އެބަ އޮތް ކަަމަށެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ޔޫރަޕިއަން ޕާލަމެންޓުގައި ދާދި ފަހުން ވަނީ އެ ބަހުސް ކޮށްފައެވެ. ރާއްޖެއަށް ފިޔަވަޅު އަޅަން ވެސް އެ ބަހުސުގައި ބައެއް ގައުމުތަކުން ގޮވައިލިއެވެ. ރާއްޖެއަށް ވަފުދެއް ފޮނުވަން ނިންމީ އެ ބަހުސްގެ ތެރެއިންނެވެ.