ވިޔަފާރި

ހޮޓަލެއް އަޅަން ވެސްޓް ޕާކް ބިން ގަތަރު ބަޔަކަށް ދެނީ

ކުރިން ވެސްޓް ޕާކް ރެސްޓޯރެންޓް ހިންގި، ބިމުގައި ގަތަރު ކުންފުންޏަކުން ބޮޑު ހޮޓަލެއް އަޅަން ތައްޔާރުވާން ފަށައިފި އެވެ. "އަވަސް" އަށް ކަށަވަރު ވެފައިވާ ގޮތުގައި ވެސްޓް ޕާކް ހިންގި އެ ބިމުގައި ގަތަރު އެ ކުންފުނިން އަޅަން މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ހޮޓަލުގައި ބޮޑު ސުވިމިން ޕޫލަކާއެކު ހޮޓަލެއްގައި ހިމެނޭ އެންމެ ޒަމާނީ ވަސީލަތްތައް ތަރައްގީ ކުރާނެ އެވެ.

ވެސްޓްޕާކް ހުރި ބިމުގައި ގަތަރުގެ ކުންފުންޏަކުން ބޮޑު ހޮޓަލެއް އަޅަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާއިރު، އެ ބިން މިހާރު ވަނީ ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށްރަށާއި ފަޅުފަޅާއި ބިންބިމުގެ ލިސްޓްގައި ހިމަނައިފަ އެވެ. އެ ތަންތަން ދޫކުރާނީ ބިޑް ކުރުމެއް ނެތި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މާލެ ހުޅަނގު ދެކުނުން ބިމެއް ބިޑް ކުރުމަކާ ނުލައި އިއުލާނު ކުރާ ލިސްޓަށް ވަނީ އިތުރުކޮށްފަ އެވެ. ކަށަވަރުވެފައިވާ ގޮތުގައި އެ ބިމަކީ ވެސްޓް ޕާކް ސަރަހައްދެވެ. އެ ސަރަހައްދުގެ ބޮޑު މިނުގައި 19،343 އަކަފޫޓް ހިމެނެ އެވެ. އަދި މި ބިމުގެ އަންދާޒާ ކުރެވޭ އެކިއުޒިޝަން ކޯސްޓަކީ 1.4 މިލިޔަން ރުފިޔާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ.

ވެސްޓް ޕާކް ސަރަހައްދުގައި ބޮޑު ހޮޓަލެއް ތަރައްގީ ކުރަން މަސައްކަތް ކުރާއިރު، މާލެ ސަރަހައްދުގައި ޓޫރިޒަމްގެ ބިޔަ އެހެން އިންވެސްޓްމަންޓްތަކެއް ވެސް ދަނީ ހިންގަމުންނެވެ. މިގޮތުން އެނބޫދޫ ލެގޫން ހިއްކައިގެން ތައިލެންޑުގެ ސިންހާ ކުންފުނިން ވަނީ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ފަށާފަ އެވެ. އަދި މި މަޝްރޫއުގެ ބައެއް ތަންތަން މި އަހަރު ހުޅުވާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅުގައި ބިޑު ނުކޮށް ދޫކުރާ ރަށްތަކާއި ފަޅުތަކެއް އިތުރު ކޮށްފަ އެވެ.

ލިސްޓުގައި އަލަށް ހިމަނާފައިވަނީ ކ. ކޮށްދިއްޕަރު ފިނޮޅުގެ އިތުރުން އައްޑޫ ސިޓީގެ ގަމުގައު ކުރިން ހޮޓަލެއް ހިންގި ދޫގަހެވެ.

ސަރުކާރުން ވަނީ ކުރިޔަށް އޮތް ދެ އަހަރު 20 ރިސޯޓެއް ހުޅުވާނެ ކަމަށް ބުނެފަ އެވެ. އަދި މި ދަތުރު ނިމޭއިރު ހުޅުވާ ރިސޯޓުގެ އަދަދު 50 އަށް އިތުރު ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.