ކުޅިވަރު

މޮރީނިއޯ - ކޮންޓޭ: ހަނގުރާމައަށް ނިމުމެއް ނެތް

ބައެއް މީހުން ދެކޭ ގޮތުގައި، އެ ދެމީހުން އެ ކުރަނީ މާނައެއް ނެތް ބޭކާރު ކަމެކެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި، މިވަގުތު ފުޓްބޯޅައިގެ ފޯރި ގަދަ އުސްއަލި ތަކަކީ އެއީ އެވެ. އަދި އަނެއް ބަޔަކު ބުނަނީ އެއީ ފުޓްބޯޅަ ފޯރި ގަދަ ވާނެ ސަބަބެއް ކަމަށެވެ.

އެއީ ކޮންކަމެއް ކަން އެންމެންނަށް ވެސް އެނގެ އެވެ. އަދި އެއީ ކޮން ދެމީހުންނެއްގެ ދެމެދުގައި ހިނގާ ކަމެއްކަންވެސް ސާފު ވެއެވެ. މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ އާއި ވާދަވެރި ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭގެ، ބަހުގެ ހަމަލާތަކެވެ. މި ފަހަކަށް އައިސް، އެ ދެ ކޯޗުން މީޑިއާ ބައްދަލުވާ ކޮންމެ ފަހަރަކު، ވާހަކަ ނިންމާ ލަނީ އެކަކު އަނެކެއްގެ ބޮލަށް އަރާވަރު ކޮށްފަ އެވެ. މިދިޔަ ސީޒަންގައި ވެސް މިކަން މިގޮތަށް ހިނގަހިނގާ އޮތެވެ. މި ސީޒަންގައި މި ދެވެރިންގެ މެދުގައި އަރާ ފޯރި މާ ގަދަ އެވެ. އެ ފޯރި ގަދަ ވެގެން އަރާރުން ގަނޑު ފަޅައިގެން ދާނީ ކޮން އިރަކުން ކަމެއް ވެސް ނޭންގެ އެވެ.

ކޮންޓޭ ވަނީ އޭނާގެ ވާދަވެރިޔާ އަކީ "ކުޑަ މީހެއް" ކަމަށްވެސް ބުނެފަ އެވެ. އަދި ޕޯޗްގަލް އަށް ނިސްބަތްވާ، މޮރީނިއޯ އަކީ "ފޭކް" މީހެއްގެ ގޮތުގައި ވެސް ކޮންޓޭ ލޭބަލް ކުރި އެވެ. ކޮންޓޭގެ ޒާތަށް ނިސްބަތްކޮށް މޮރީނިއޯ އެއްޗެއް ނުބުންޏަސް، އޭނާ، ކޮންޓޭއާ މެދު ކުރާ ތުހުމަތު ބޮޑެވެ. މޮރީނިއޯ ވަނީ މެޗް ފިކްސިންގެ ތުހުމަތު ކޮންޓޭގެ ބޮލުގައި އަޅުވާފަ އެވެ.

ކޮންޓޭ، 48 ބުނެފައިވަނީ، މޮރީނިއޯ، އޭނާއާ ބެހޭގޮތުން ބުނެފައިވާ ތޫނު ބަސްތައް މަތިން "ހަނދާން ނުނެތޭނެ" ކަމަށެވެ. މީޑިއާއިންވެސް އެވާހަކަ މަތިން ހަނދާނެއް ނުނެތޭނެވެ. އަދި އޭނާ މޮރީނިއޯ އަށް ނިސްބަތް ކުރި ވަހަކަތައް މަތިންވެސް މީޑިއާ ހަނދާން ނުނެތޭނެ އެވެ.

މޮރީނިއޯ، ކުރިން ސިފާ ކުރާ ގޮތުގައި އޭނާ އަކީ "ސްޕެޝަލް ވަން" ނުވަތަ ހާއްސަ މީހެކެވެ. ކޮންޓޭ ވަނީ، މޮރީނިއޯ އޭނާގެ އަމިއްލަ ނަފުސައް ނިސްބަތް ކުރާ "ހާއްސަ" ޓެގުގެ މަންޒަރު ހަޑި ކުރަން މަސައްކަތް ކޮށްފަ އެވެ.

މި މަހު ހަތަރު ވަނަ ދުވަހު، މޮރީނިއޯ ބުނީ، ދަނޑުގެ ޓަޗްލައިންގައި އޭނާ އަކީ ފާޑުފާޑަށް އުޅޭ މީހެއް ނޫން ކަމަށެވެ. އޭނާ އެހެން އެ ބުނީ ޗެލްސީގެ ބެންޗުގައި ހުރެ، އެ ޓީމު ލަނޑެއް ޖެހުމުން ކޮންޓޭގެ ގާތަށް އަންނަ ފޯރިއަށް ނިސްބަތްކޮށް ކަމަށް ބެލެވެ އެވެ.

ޓީމު ލަނޑު ޖެހުމުން، މޮރީނިއޯ ފޯރި ނެގުމުގެ ގޮތުން، މުޅި ޓްޗްލައިންގައި އޭނާ ނުދުވާ ވާހަކަ ދެއްކީ ޕްރިމިއާ ލީގްގެ އެހެން ކޯޗުންނަށް ރެފަރެންސަކަށް ވާކަށް ނޫނެވެ. އެއީ ކޮންޓޭއަށް ބަހުގެ ހަމަލާ ދޭން، މޮރީނިއޯ ދެއްކި ވާހަކަ އެއްހެން ވަރަށް ބޮޑަށް ހީވެ އެވެ.

ޖެހިގެން އައި ދުވަހު، ކޮންޓޭ ވަނީ، މޮރީނިއޯ ޒުވާން ކޯޗެއްގެ ގޮތުގައި ހުރިިއިރު، ޓީމު ލަނޑު ޖެހުމުން، ފޯރި ނަގައި ޓަޗު ލައިން ބޭރުގައި ދުވި ކަމުގެ ހެއްކެއް ދައްކާފަ އެވެ. ކޮންޓޭ ދެއްކި މިސާލަކީ، 2004 ޕޯޓޯގެ ކޯޗަކަށް މޮރީނިއޯ ހުރިއިރު، ޔުނައިޓެޑާ ދެކޮޅަށް، ޗެމްޕިއަންސް ލީގްގައި ކުޅުނު މެޗުގައި، ޕޯޓޯ ލަނޑު ޖެހުމުން މޮރީނިއޯ މުޅި ދަނޑުގައި ދުވުނު ދުވުމަށެވެ. އަދި ކޮންޓޭ ބުނީ، މޮރީނިއޯ ކުރިން ދެއްކި ވާހަކަތަކާއި ކުރި ކަންތައްވެސް އޭނާ [މޮރީނިއޯ] މިހާރު ހަނދާން ނެތިފައިވާ ކަމަށެވެ.

ކޮންޓޭއާ ގުޅުވައި، މޮރީނިއޯ، 54 ތުހުމަތު ކުރި މެޗު ފިކްސިންގެ މައްސަލައާ ބެހޭގޮތުން އޭނާ ވަނީ ތަފްސީލު ކޮށްދީފަ އެވެ. މޮރީނިއޯ ބުނީ، އިޓަލީގެ ސިއެނާގެ ކޯޗަކަށް، ކޮންޓޭ ހުރިިއިރު، މެޗު ފިކްސިންގެ ތުހުމަތުގައި، ކޮންޓޭ ސަސްޕެންޑް ކުރި ކަމަށެވެ. އަދި ދަނޑުގައި ހަބޭހަށް ފޯރި ނަގާ ކަމަށް، ކޮންޓޭ ބުނި ބުނުމަށް އޭނާ ބުނީ އެކަން އޭނާ ވަރަށް ބޮޑަށް މަދު ކޮށްފައިވާނެ ކަމަށެވެ.

މެޗު ފިކްސިންގެ ތުހުމަތު މޮރީނިއޯ ކުރުމުން، ކޮންޓޭ ބުނީ އެއީ ތެދެއް ކަމަށާއި ނަމަވެސް އެކަމުގައި އޭނާ ހުރީ ހައްގު ގޮތުގައި ކަމަށެވެ. އަދި އޭނާ ސަސްޕެންޑް ވީ ދިފާއުގައި އެކަށީގެންވާ ހެކި ފޯރުކޮށް ނުދެވުމުން ކަމަށް، ކޮންޓޭ ބުންޏެވެ. އޭނާ ބުނީ މޮރީނިއޯ އެ ވާހަކަ ދައްކަނީ އޭނާ އަކީ "ކުޑަ މީހެއް" ކަމަށް ވުމުން ކަމަށެވެ. އަދި މޮރީނިއޯ ވަނީ ކުރިއަށް އޮތްތަނުގައި ވަރަށް ލޯ ޕްރޮފައިލް މީހަކަށް ކަމަށް ކަމަށް ކޮންޓޭ ބުންޏެވެ.

މޮރީނިއޯއަކީ ފޭކް މީހެއް ކަމަށް، ކޮންޓޭ ބުނި ބުނުން، މިސާލެއްގެ ގޮތުގައި ކޮންޓޭ ދެއްކީ، ލެސްޓާ ސިޓީގެ ކުރީގެ ކޯޗް ކުލައުޑިއޯ ރަނިއޭރީގެ އިނގިރޭސި ބަހުގެ ފެންވަރާ މެދު މޮރީނިއޯ އޮއްސާލި ފާޑު ކިޔުމަށެވެ. އަދި އެކަން ފޫބެއްދުމުގެ ގޮތުން، ރަނިއޭރީ ލެސްޓާގެ ކޯޗް ކަމުން ވަކި ކުރުމުން މޮރީނިއޯ، ރަނިއޭރީގެ ދިފާއުގައި "ސީއާރް" ޖަހާފައިވާ ޓީޝާޓެއް ލައިގެން އުޅުނު ކަމަށެވެ. އެހެންވެ، ކޮންޓޭ ސިފަ ކުރީ މޮރީނިއޯ އަކީ ފޭކް މީހެއް ގެ ގޮތުގައެވެ.

އާސެނަލްއާ ދެކޮޅަށް، ލީގްކަޕްގައި ރޭ ކުޅުނު މެޗުގެ ކުރިން ވާހަކަ ދައްކަމުން، އެންމެ ފަހުން ކޮންޓޭ ބުނީ، މޮރީނިއޯ އޭނާ [ކޮންޓޭ] އާ ބެހޭގޮތުން ދެއްކި ވާހަކަތައް ދުވަހަކުވެސް ހަނދަން ނުނެތޭނެ ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި، މޮރީނިއޯ އާއި ކޮންޓޭގެ ޒުވާބު ބަދަލު ވާނީ ކޮން ދިމާލަކަށް ބާއެވެ. ދެ ކޯޗުންގެ ޒުވާބުން ދެން ތިލަ ވާނީ ކޮން ވާހަކަތަކެއް ބާވައެވެ.