ވިޔަފާރި

މިދިޔަ އަހަރުގެ އާމްދަނީއަށް އަވަސް ކަޅިއެއް

މިދިޔަ އަހަރު ނިމިގެން ދިޔައީ ދައުލަތަށް ކުރިން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އިތުރުވުމަކާއެކުގަ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތަށް 15.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އޭގެ ކުރީ އަހަރު ލިބިފައިވަނީ 14.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ގާތްގަނޑަކަށް 4.5 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއީ ކުރިން ލަފާކުރި ވަރަށްވުރެ 6.8 ޕަސެންޓް އިތުރު އަދަދެކެވެ.

އެންމެ ގިނަ އިން މިދިޔަ އަހަރު ދައުލަތަށް އާމްދަނީ ލިބިފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގަ އެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް 6.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2016 ވަނަ އަހަރު ލިބުނު 6.2 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު ނުވަ ޕަސެންޓުގެ އިތުރުވުމެކެވެ. އަދި އަހަރުގެ އެންމެ ފަހު މަސް ކަމަށްވާ ޑިސެމްބަރު މަހު ޖީއެސްޓީން 84 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި 2016 ވަނަ އަހަރު ލިބުނީ 118 މިލިއަން ރުފިޔާ އެވެ.

ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް ނުވަތަ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ގެ ގޮތުގައި 2017 ވަނަ އަހަރު 2.6 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ 2016 ވަނަ އަހަރު ލިބުނު 2.7 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު ދެ ޕަސެންޓް ދަށްވުމެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޖީއެސްޓީގެ ގޮތުގައި 593 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ކުރީ އަހަރުގެ ޑިސެމްބަރު މަހު ލިބުނީ 524 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ ތިމާވެށީގެ ރައްކާތެރިކަމަށް ހާއްސަކޮށް، ޓޫރިޒަމް ދާއިރާ އިން ނަގަން ފެށި "ގްރީން ޓެކްސް" ގެ ގޮތުގައި 2017 ނިޔަލަށް ލިބުނީ 692 މިލިއަން ރުފިޔާ އެވެ. ނަމަވެސް 2016 ވަނަ އަހަރު ލިބިފައިވަނީ 633 މިލިއަން ރުފިޔާ އެވެ. މިއީ 9.3 ޕަސެންޓް އިތުރުވުމެކެވެ. ގްރީން ޓެކުހަކީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން އަންނަ ޓޫރިސްޓުންގެ އަތުން ނަގާ ޓެކުހެކެވެ. މި ޓެކުސް ނަގަނީ ރިސޯޓާއި ހޮޓާ އަދި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ މީހުން ބޮލަކަށް ހަ ޑޮލަރެވެ. ނަމަވެސް ގެސްޓްހައުސްތަކުން ނަގަނީ ތިން ޑޮލަރެވެ.

ޓޫރިޒަމަށް ދޫކޮށްފައިވާ ބިން ތަކުން 2017 އަހަރު ކުލީގެ ގޮތުގައި 1.40 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަދަދަކީ 2016 ވަނަ އަހަރު ލިބުނު 1.44 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ކުޑަ އިތުރުވުމެކެވެ އެއީ ގާތްގަނޑަކަށް 3.3 ޕަސެންޓް އިތުރުވުމެކެވެ.