ހަބަރު

މުދަލު ޒަކާތް ދެއްކި އަދަދު 75 ޕަސެންޓް އިތުރުވެއްޖެ

މިދިޔަ އަހަރު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މުދަލު ޒަކާތް ދެއްކި އަދަދު 75 ޕަސެންޓް އިތުރުވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 62 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބަލައިގެންފައިވަނީ 35 މިލިއަން ރުފިޔާ އެވެ. މި އަދަދަކީ 75 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާ އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި ދައްކާފައިވަނީ 6.6 މިލިއަން ރުފިޔާ އެވެ.

މުދަލުގެ ޒަކާތް ދެއްކި މީހުންގެ އަދަދު އިތުރުވިއިރު، ރާއްޖޭގައި މުދަލު ޒަކާތް ބެހޭ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދުވަނީ 52،000 އިން 12،305 ދަށް ވެފަ އެވެ. މި ބަދަލާއެކު، މުދަލު ޒަކާތުން ކޮންމެ ފަގީރަކަށް ޖެހޭ ފައިސާގެ އަދަދު ވަނީ 400 ރުފިޔާ އިން 900 ރުފިޔާ އަށް ބޮޑުވެފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބު ކަމަށް ހަމަޖައްސާފައި އޮތީ 4،944.45ރ. އެވެ. ނަމަވެސް މިހާރު އިސްލާމިކު މިނިސްްރީން އޮކްޓޫބަރު މަހުން ފެށިގެން މުދަލު ޒަކާތުގެ ނިސޯބަކީ 4950.40ރ. ކަމަށް ކަނޑައަޅާފަ އެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.