ހަބަރު

އީޔޫއިން ޕީޕީއެމްއާ ބައްދަލުކޮށްފި

ރާއްޖެ މިހާރު ވަޑައިގެން އުޅުއްވާ، އީޔޫގެ ވަފުދުން ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްއާ ބައްދަލު ކޮށްފި އެވެ.

އީޔޫގެ ވަފުދާއެކު ރޭ ޕީޕީއެމް އޮފީހުގައި ކުރިޔަށް ދިޔަ އެ ބައްދަލުވުމުގައި ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލްއާއި، ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ބައިވެރިވެވަޑައިގަތެވެ.

އެހެން ނަމަވެސް އެ ބައްދަލުވުމާ ގުޅޭ ތަފްސީލެއް މިހާތަނަށް ޕީޕީއެމް އިން އަދި އީޔޫ އިން ވެސް ހާމައެއް ނުކުރެ އެވެ. އީޔޫ އިން ހަމައެކަނި ބުނެފައި ވަނީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރީ ރާއްޖޭގެ ސިޔާސާި މަސްރަހާ ގުޅޭ ގޮތުން ކަމަށެވެ.

ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އެއްބާރުލުން އިތުރު ކުރުމަށް ރާއްޖެ ވަޑައިގެންނެވި އީޔޫގެ ވަފުދުން ވަނީ ޕީޕީއެމްގެ އިތުރުން އެކި ފަރާތްތަކަ ބައްދަލު ކުރައްވައިފަ އެވެ. އެގޮތުން އިއްޔެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްއާ ވެސް ބައްދަލު ކުރެއްވި އިރު އިންޑިޔާގެ އެމްބަސިޑަރު އަކިލޭޝް މިޝްރާއާ ވެސް ވަނީ ބައްދަލު ކުރައްވައިފަ އެވެ. އޭގެ އިތުރުން މިދިޔަ ހަފްތާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ވެސް އީޔޫގެ ވަފުދުން ބައްދަލު ކުރެއްވި އެވެ.