ޑޮނަލްޑް ޓްރަމްޕް

ރަޝިޔާއިން ނުފޫޒުފޯރުވި ތުހުމަތަށް ޖަވާބުދޭން ޓްރަމްޕް ތައްޔާރު

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންްތިހާބު ޑޮނަލްޑް ޓްރަމްޕަށް ކާމިޔާބު ކޮށްދޭން ރަޝިޔާއިން ނުފޫޒުފޯރުވި ކަމަށް ކުރާ ތުހުމަތުގެ ތަހުގީގަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެ މައްސަލައިިގެ ތަހުގީގުގައި ހުވާ ކުރައްވައި ބަޔާން ދެއްވަން ތައްޔާރަށް ހުންނެވި ކަަމަށް ޓްރަމްޕް ވިދާޅުވި މިއީ ފުރަތަމަ ފަހަރެވެ.

ރަޝިޔާއިން ނުފޫޒުފޯރުވި ކަމަށް ކުރާ ތުހުމަތާ ގުޅިގެން ތަހުގީގު ކުރަމުން އަންނަނީ ޓްރަމްޕްގެ ކެމްޕޭން ޓީމާ ރަޝިޔާގެ އޮފިޝަލުންނާ ގުޅުމެއް އޮތްތޯ ބެލުމަށެވެ. އެ ދެފަރާތުގެ ދެމެދުގައި އިންތިހާބު ދުވަސްވަރު ގުޅުމެއް އޮތް ކަަމަށް ކުރާ ތުހުމަތަށް ޓްރަމްޕް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. ނަމަވެސް އެމެރިކާގެ ޖާސޫސީ މަސައްކަތް ތެރިން ބުނަމުން ދަނީ ގުޅުން އޮތްކަން ކަށަަވަރުވާ ކަމަށެވެ.

ޓްރަމްޕާ ސުވާލުކުރުން ކުރިއަށްދާނީ ކިހިނެތް؟

ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒުފޯރުވިކަމަށް ބުނާ މައްސަލަ ބަލަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ތަހުގީގީ ހާއްސަ ޓީމެއް އުފައްދާފަ އެވެ. އެ ޓީމްގައި އިސްކޮށް ހުންނަވަނީ ޖަސްޓިސް ޑިޕާޓްމަންޓްގެ ސްޕެޝަލް ކޮންސުލް ރޮބަޓް މަލާ އެވެ.

ޓްރަމްޕާ ސުވާލު ކުރާނެ ގޮތެއް ކަނޑައެޅުމަށް އެޓީމުން މިހާރު އަންނަނީ ޓްރަމްޕްގެ ވަކީލުންނާ ސުވާލު ކުރަމުންނެވެ. ޓްރަމްޕާ ސުވާލު ކުރާނީ އޭނާއާ ބައްދަލު ކޮށްގެން ކަން ނުވަތަ ލިއުމުން ޖަވާބު ދެއްވާ ގޮތަށް ކަމެއް އަދި ނޭނގެ އެވެ. އޭގެ ތެރެއިން ގޮތެއް ނުވަތަ ދެގޮތަށް ވެސް ސުވާލު ކޮށްފާނެ އެވެ.

ސުވާލު ކުރުން އޮންނަނީ ކޮން އިރަކުތޯ ނޫސްވެރިން ދެންނެވުމުން ޓްރަމްޕް އިއްޔެގައި ވިދާޅުވީ ދެ ހަފުތާ ނުވަތަ ތިން ހަފުތާ ތެރޭގައި ސުވާލު ކުރުމާމެދު ޓީމުން ވާހަކަ ދައްކާ ކަމަށެވެ.

"ތަހުގީގުގައި އިސްކޮށް އުޅުއްވާ މަލާ އިންސާފުވެރިވެ ވަޑައިގެންފާނެތޯ؟" ދެންނެވުމުން ޓްރަމްޕް ވިދާޅުވީ "އެކަން ޖެހޭނީ ބަލަން" ކަމަށެވެ.

"އެކަން އަހަރެމެން ޖެހޭނީ ބަލަން. އުއްމީދު ކުރަން އެހެން ވާނެ ކަަމަށް،" ޓްރަމްޕް ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.