ވިޔަފާރި

ފެސްޕޯގެ ނަސީބުވެރިންނަށް ހިލޭ ޗުއްޓީ!

ސުވިޒަލޭންޑުގައި ބޭއްވި، ސުވިސް ހޮލިޑޭ އެންޑް ޓްރެވަލް ފެއާ (ފެސްޕޯ) އަށް ދިޔަ މީހުންގެ މެދުގައި ގުރުއަތެއްގައި ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދީފި އެވެ.

ސުވިޒަލޭންޑުގައި މި މަހުގެ 25 އިން 28 ގެ ނިޔަލަށް ކުރިއަށް ދިޔަ ފެއާއަށް ޒިޔާރަތް ކުރި އާއްމުގެ މެދުގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ ގުރުއަތެއް ނަގާފަ އެވެ.

މި ލަކީޑްރޯގައި 260 އަށް ވުރެ، ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ. އަދި ބައިވެރިވި މީހުންގެ ތެރެއިން ދެ ހަތަރު ފަރާތަކަށް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމުގެ ހިލޭ ފުރުސަތެއް ދީފަ އެވެ.

ޓޫރިޒަމް ދާއިރާގެ އެހީތެރިކަމާއެކު، އެއް ޕެކޭޖް ދީފައިވަނީ ތިން ނައިޓަށް އީކްއޭޓާ ވިލެޖުގަ އެވެ. އަދި ސަމާ އައިލެންޑް ރިސޯޓުގައި ހަތަރު ދުވަހުގެ ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދީފައިވެ އެވެ.

ރާއްޖޭގެ 12 ކުންފުންޏަކުން 19 މީހުން ބައިވެރިވެގެން ސުވިޒަލޭންޑުގައި ބޭއްވި މި ފެއާގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ރާއްޖޭން ބައިވެރިވެފައިވަނީ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ހާލާ ހަމީދުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިލް ލިރާރު އެވެ. ފެސްޕޯ ފެއާއަކީ ރިސޯޓުތަކާއި ގެސްޓްހައުސް އަދި ސަފާރީ ބޯޓު ފަހަރަށް އަންނަ ޓޫރިސްޓުންނަށް ހާއްސަ ފެއާއެކެވެ. ސުވިޒަލޭންޑަކީ ރާއްޖެ އަށް އުންމީދީ މާކެޓެކެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެ ގައުމުން 32,651 މީހުން އައިސްފައިވެ އެވެ. މިއީ 3.1 ޕަސެންޓް އިތުރު ވުމެކެވެ.