ވިޔަފާރި

ނިއުޔޯކް ޓައިމްސް ޓްރެވަލް ޝޯގައި ރާއްޖެއިން ބައިވެރިވެއްޖެ

Jan 28, 2018

އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އާޓާ)ގެ އިސްނެގުމަކާއެކު، ނިއުޔޯކް ޓައިމްސް ޓްރެވަލް ޝޯގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

އާޓާއިން ބުނި ގޮތުގައި އެމެރިކާގެ، ނިއުޔޯކްގައި ކުރިއަށް ދިޔަ، ޓްރެވަލް ފެއާގައި ރާއްޖޭން 10 ކުންފުނި ބައިވެރިވެފައިވާ ކަމަށެވެ. މި ފެއާ ކުރިއަށްދަނީ މި މަހުގެ 26-29 ގެ ނިޔަލަށެވެ.

އާޓާއިން ބުނެފައިވާ ގޮތުގައި މި ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ވަރަށް ބޮޑު އެއްބާރުލުމެއް ވަނީ ލިބިފަ އެވެ. މިފެއާގައި ހުރި ދިވެހި ސްޓޯލަށް އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލީ ނަސީރު ޒިޔާރަތް ކުރެއްވި އެވެ.

"ނިއު ޔޯކް ޓައިމްސް ޓްރެވަލް ޝޯ 2018" ގައި 8000 ގިނަ ޓޫރިޒަމް ދާއިރާގެ ކުންފުނިތަކާއި 900 އަށްވުރެ ގިނަ މީޑިޔާ އައުޓްލެޓުން ބައިވެރިވެއެވެ. އެމެރިކާއަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު އެއް މާކެޓެވެ. ޓޫރިޒަމުގެ ސޯސްމާކެޓެއްގެ ގޮތުގައި ބަލަމުން އަންނަ އެމެރިކާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ.