އެސްޓީއޯ

އެސްޓީއޯއިން އާ ތެޔޮ ޓޭންކަރެއް ގެނެސްފި

Jan 28, 2018
5

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން އާ ތެޔޮ ޓޭންކަރެއް ގެނެސްފި އެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އާ ތެޔޮ ބޯޓު "އެމްޓީ އަލިމަސް" ގެ އޮޕަރޭޝަން ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހަފްލާއެއް ބާއްވާފައިވާ ކަމަށެވެ. -- އެ ހަފުލާ ކަވަ ކުރުމަށް އެސްޓީއޯއިން އަވަސް އަށް ދައުވަތު ދީފައެއް ނުވެ އެވެ. އެ ހަފުލާއަށް ފަހު އެ ކުންފުނިން އާންމު ކުރީ ޕްރެސް ސްޓޭޓްމެންޓެކެވެ.

އަލަށް ގެނައި މި ބޯޓަކީ 25،000 މެޓްރިކްޓަންގެ ޓޭންކަރެކެވެ.

އެސްޓީއޯގެ ކުރު ސްޓޭޓްމެންޓްގައި ބުނެފައި ވަނީ އެ ހަފުލާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަހީރު (ފޮޓޯގައި) ވާހަކަފުޅު ދެއްކެވި ކަމަށާއި އޭނާގެ ވާހަކައިގައި އެސްޓީއޯއަކީ އާންމު ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ފޯރު ކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުންފުންޏެއް ކަމަށް ވިދާޅުވި ކަމަށެވެ.

"އެމްޓީ އަލިމަސް" ގެ ޓެކްނިކަލް އޮޕަރޭޝަން ބަލަހައްޓާނީ އެސްޓީއޯގެ ޓެކްނިކަލް ޓީމަކުންނެވެ. އެސްޓީއޯގެ "އަލިހުރަސް" އަދި "އަލިމަސް" ތެޔޮ ބޯޓުގެ ސަބަބުން އެހެން ބަޔަކަށް ބަރޯސާނުވެ އެސްޓީއޯގެ ފިއުލް އޮޕަރޭޝަންސް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެ ކުންފުނިން މިރޭ ބުންޏެވެ.