އެމްއޭސީއެލް

ކޭއެފްސީ އާއި ޕިއްޒާ ހަޓާއެކު އެހެން ބްރޭންޑެއް އެއާޕޯޓަށް

Jan 29, 2018
4

ކެއިން ބުއިމުގެ ގިނަ ތަންތަނާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރާ، ފްރެންޗައިޒް އިމާރާތުގައި މަޝްހޫރު ތިން ބްރޭންޑް، ކަމަށްވާ ކޭއެފްސީ އާއި ޕިއްޒާ ހަޓް އަދި ކޯސްޓާ ކޮފީ އެންޑް ހާވެސްޓް މާކެޓްގެ ރެސްޓޯރެންޓްތައް ހުޅުވަން ނިންމައިފި އެވެ.

ފްރެންޗައިޒް އިމާރާތުގައި ރެސްޓޯރެންޓް ހިންގުމަށް ހުޅުވާލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މި ތިން ބްރޭންޑުންނެވެ. މިއަދު ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ އެ ބްރޭންޑްތަކާއެކު ސޮއިކޮށްފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) ގެ ވީއައިޕީ ލައުންޖުގައި ބޭއްވި ރަސްމިއްޔާތުގައި ކޭއެފްސީ އާއި ޕިއްޒާ ހަޓް އަދި ކޯސްޓާ ކޮފީ އެންޑް ހާވެސްޓް މާކެޓްގެ ރެސްޓޯރެންޓްތަކުގެ ފަރާތުން ސޮއިކުރެއްވީ، މި ރެސްޓޯރެންޓް ހިންގާ އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ވޮލްޓާ އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އާދިލް މޫސާ އެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ، އާދިލް ވިދާޅުވީ މިހާރު ސޮއިކުރެއްވިގެން ދިއުމާއެކު ރެސްޓޯރަންޓް އިންޓަނޭޝަނަލް ބްރޭންޑްތަކުގައި މަސައްކަތް ކުރަން މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިތަން ކުރިއަށް އޮތް ހަތަރު މަސްތެރޭގައި މި ތަނުން ހިދުމަތް ދޭނެ ކަމަށާ، އަދި އިތުރަށްހުރި ޖާގަ ތަކަށްވެސް ބްރޭންޑްތަކެއް އަންނާނެ ކަމަށެވެ.

"އަޅުގަނޑުމެން އިތުރު އިންޓަނޭޝަނަލް ބްރޭންޑްތައް ގެންނަން އެ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން،" އާދިލް ވިދާޅުވި އެވެ.

އަޅުގަނޑުމެން އިތުރު އިންޓަނޭޝަނަލް ބްރޭންޑްތައް ގެންނަން އެ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން
އެމްއޭސީއެލް އެމްޑީ އާދިލް މޫސާ

ބޮޑު މިނުގައި ގާތްގަނޑަކަށް 14،000 އަކަފޫޓު ހުންނަ މި އިމާރާތުގެ ސްޓީލް އޮނިގަނޑު ރާވައި ވަނީ ނިމިފަ އެވެ. މި ތަން ހަދަނީ އެއާޕޯޓަށް އަންނަ މީހުން އަރާ ޖެޓީ ސަރަހައްދުގަ އެވެ.

މި ތަނުގައި "ކޮފީ ޝޮޕް" ހިންގަން 231 އަކަ މީޓަރުގެ ސަރަހައްދެއް ހުންނާނެ އެވެ. އަދި "ޑޯނަޓް" ވިއްކަން ހާއްސަ ކޮށްގެން 80 އަކަމީޓަރުގެ ސަރަހައްދެއް ހާއްސަ ކޮށްފައިވާއިރު، "ކެސުއަލް ޑައިނިން" އަށް 302 އަކަމީޓަރު ހުންނާނެ އެވެ. އަދި "ފާސްޓްފުޑް ކޮންސެޕްޓް" ރެސްޓޯރަންޓަކަށް 171 އަކަމީޓަރު ހާއްސަކޮށްފައިވެ އެވެ. މީގެ އިތުރުން ޕިއްޒާ ލިބޭ ސަރަހައްދުގެ ގޮތުގައި 99 އަކަމީޓަރުގެ ސަރަހައްދަކާއި އައިސްކްރިމީގެ މީރު ރަހަތަކަށް 14 އަކަމީޓަރުގެ ސަރަހައްދެއް ހުންނާނެ އެވެ.

ހޮސްޓް އިންޓަނޭޝަނަލްގެ ސީއީއޯ ވޮލްޓާ ވިދާޅުވީ ރާއްޖޭގައި އެ ކުންފުނީގެ އޮޕަރޭޝަން ފެށުމަކީ ވަރަށް ބޭނުންވި ކަމެއް ކަމަށެވެ.

"އިތުރު ބްރޭންޑްތައްވެސް ގެންދާނެ. މިތަނުން 100 އަށްވުރެ ގިނަ މުވައްޒަފުންނަށް ވަޒީފާ ވެސް ލިބޭނެ،" ވޮލްޓާ ވިދާޅުވި އެވެ.

އެޗްއެމްއެސް ހޮސްޓް ކުންފުންޏަކީ އެއާޕޯޓްތަކުގައި ކާބޯތަކެތި ވިއްކަން މަޝްހޫރު ކުންފުންޏެކެވެ. މި ކުންފުނީގެ ބްރޭންޑުތައް ދުނިޔޭގެ 150 އެއާޕޯޓެއްގައި ހިންގަ އެވެ.