ހަބަރު

ޕީއެސް އާއި ޕީސީގެ ބޮޑު މުބާރާތެއް ބާއްވަނީ

ޒުވާނުންނަށް އަމާޒުކޮށް ޕީސީ އަދި ޕީއެސްގެ ބޮޑު މުބާރާތެއް ބޭއްވުމަށް ގޭމާސް އެސޯސިއޭޝަން ފޯ މޯލްޑިވްސް އީ ސްޕޯޓްސް އާއި ސޯޝަލް ގޭމާސް ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ސޯޝަލް ސެންޓާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގޭމާސް އެސޯސިއޭޝަން ފޯ މޯލްޑިވްސް އީ ސްޕޯޓްސް އިން ސޮއި ކުރެއްވީ އެ އެސޯސިއެޝަންގެ ޗެއާމަން ސައިފުﷲ އަހުމަދެވެ. އަދި ސޯޝަލް ގޭމާސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަބީން އެވެ.

ޝަބީން ވިދާޅުވީ، ގައުމީ ފެންވަރުގެ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށްޓަކައި ދެފަރާތުން ގުޅިގެން މަސައްކަތް ކުރަން ނިންމީ ކަމަށެވެ. އަދި މުބާރާއް ކުރިއަށް ގެންދިއުމުގައި ހުރިހާ ގޭމިން އެސޯސިއެޝަންގެ އެއްބާރުން ލިބިގެންދާނެ ކަމަށް ޝަބީން ވިދާޅުވި އެވެ.

ޝަބީން ވިދާޅުވީ، ބާއްވާނެ ވަކި ދުވަހެއް އަދި ފައިނަލް ނުކުރާ ކަމަށާއި ނަމަވެސް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި މުބާރާތުގެ ޕްރޮމޮޝަންސްތައް ފެށިގެންދާނެ ކަމަށެވެ.

"ވަކި އުމުރުފުރާއަކަށް ޓާގެޓެއް ނުކުރަން، ބޮޑަށް ޒުވާނުންނަށް އެކަމަކު މި މުބާރާތް ޓާގެޓް ކުރަނީ، އަދި މުބާރާތް ކުރިއަށްދާނެ ގޮތާއި ހުރިހާ ކަމެއް ރާވާނަން، ބައިވެރިވާ މީހުންނަށް ބަލާފައި އަދި ވަކި ގޮތެއް ނިންމާނީ،"

ސައިފުﷲ ވިދާޅުވީ، ޕީއެސް އާއި ޕީސީ އަކީ އެންމެ ބޮޑު ގޭމިން ދެ ސައިޑް ކަަމަށާއި އެދެސައިޑް އެއްކޮށްލައިގެން ބޮޑު ޓޫނަމެންޓެއް ބޭއްވުން ކަމަށެވެ. އަދި ވިދާޅުވީ، ގާތްގަނޑަކަށް 1500 މީހުންނަށް ބައިވެރިވެވޭ ވަރުގެ ބޮޑު މުބާރާތެއް ކަމަށާއި މުބާރާތްް އަމާޒުކޮށްފައިވަނީ މާލެ ސަރަހައްދަށް ކަމަށެވެ.

"ޓާގެޓް މި ކުރަނީ އަންނަ މާޗް މަހު މުބާރާތް ބޭއްވޭތޯ، އެއީ ސުކޫލު ބަންދާ ދިމާވާ ދުވަސްކޮޅު ކަމުން އެދުވަސްވަރު ބޭއްވުމުން ގިނަ ފަރާތްތަކަށް ބައިވެރި ވެވޭނެތީ، ދެން ގޭމްސްތައް އަދި ސީދާ ފައިނަލެއް ނުކުރަން އެކަމަކު ޕީއެސް އިން ފީފާ ސެލެކްޓް ކޮށްލާފަ އިންނާނެ، އަދި ޕީސީ ސައިޑުން ޑޮޓާ ޓޫ،" ސައިފުﷲ ވިދާޅުވި އެވެ.

ސައިފުﷲ ވިދާޅުވީ، މިއީ އަލަށް މިކަހަލަ މުބާރާތެއް ރާއްޖޭގައި ބާއްވާ ފަހަރު ކަމަށާއި ލިބޭ ތަރުހީބަށް ބަލައި މުބާރާތް އިތުރަށް ފުޅާކުރުމަށް ވިސްނާނެ ކަމަށެވެ. އަދި 2022 ވަނަ އަހަރު އޮންނަ އޮލިމްޕިކްސް މުބާރާތުގައި ގޭމިންގެ ދާއިރާއިން ރާއްޖެ ތަމްސީލުކުރާނެ ކުދިންނާއެކު ބައިވެރިވުމަކީ އެންމެ ބޮޑު އުންމީދު ކަމަށެވެ.