ވިޔަފާރި

ސްރީލަންކަން އިން 40 ގައުމަށް ހާއްސަ އަގެއްގައި ޓިކެޓު ވިއްކަނީ

ސްރީލަންކަން އެއާލައިންސް އިން 40 ގައުމަށް ހާއްސަ ފެއާއެއްގައި ޓިކެޓު ވިއްކަން ފަށައިފި އެވެ.

ސްރީލަންކަން އެއާލައިންގެ ރާއްޖޭގެ އެޖެންޓް އިނަ މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވީ މިހާރު ކުރިއަށްދާ ފެއާގައި ބައެއް ގައުމުތަކަށް ޓިކެޓު އަގުހެޔޮ ވެގެންދާނެ ކަމަށެވެ.

"މި ފެއާގައި ޓިކެޓު ވިއްކަނީ ވަކި މުއްދަތަކަށް،" އޮފިޝަލް ވިދާޅުވި އެވެ.

"ސްރީލަންކަން ޓްރެވަލް ފީސްޓް" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ޓިކެޓު އަގުތައް ވަނީ 50 ޕަސެންޓް ހެޔޮކޮށްފަ އެވެ. މި އަގު ހެޔޮކުރުމާއެކު ދިވެހިން އާއްމުކޮށް ގޮސްއުޅޭ ސްރީލަންކާއަށް ދެކޮޅު ޓިކެޓު ގާތްގަނޑަކަށް 224 ޑޮލަރު (ގާތްގަނޑަކަށް 3،454ރ.) އަށް ލިބޭނެ އެވެ.

ސްރީލަންކަން އެއާލައިންސްގެ މި ޕްރޮމޯޝަންގައި އަގުހެޔޮކޮށް ޓިކެޓު ލިބޭނީ އަންނަ މަހުގެ ހައެއްގެ ކުރިން ޓިކެޓު ނެގުމުންނެވެ. ނަމަވެސް މި ޓިކެޓުގައި ދަތުރުކުރުމުގެ ފުރުސަތު މި އަހަރުގެ މާޗު އެކަކުން ޑިސެމްބަރު 10 ގެ ނިޔަލަށް ލިބެ އެވެ.