ހަބަރު

އަދީބުގެ ބަޔާނާ ގުޅިގެން ފުލުހުން މީޑިއާތަކަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރު ނެރުއްވި ބަޔާނެއް ރިޕޯޓްކުރި ނޫސްތަކާ ސުވާލުކުރަން ފުލުހުން ފަށައިފި އެވެ. ފުލުހުން އެ މައްސަލާގައި ސުވާލުކުރަން ފެށީ، ކަރެކްޝަނަލް ސާވިސްއިން ގައިދީންއާ ހަވާލާދީ ހަބަރު ޝާއިރުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފުލުހުން މިއަދު ވަނީ ބައެއް މީޑިއާތަކަށް ގޮސް އެކަމުގައި ސުވާލުކުރުމަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން ފުލުހުންގެ ޓީމެއް މިއަދު "އަވަސް"ގެ އޮފީހަށް ވެސް ސުވާލުކުރުމަށް ކުރިން އެންގުމަކާނުލާ އައެވެ. އެނގިފައިވާ ގޮތުގައި "މިހާރު" ނޫހަށް ވެސް މިއަދު ފުލުހުން ގޮސްފައިވެ އެވެ. އަދި އެ ބަޔާން ލިބުނު ގޮތާމެދު ސުވާލުކޮށްފައިވެ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، އަދީބުގެ ބަޔާން ރިޕޯޓްކުރި މައްސަލަ ދިރާސާކޮށް، ކަން ހިނގައިދިޔަ ގޮތް ބަލަމުންދާ ކަމަށެވެ. އެއީ ތަހުގީގު ކުރުންތޯ ސުވާލުކުރުމުން ޝިފާން ވިދާޅުވީ، "ތަހުގީގެއް ނުކުރާ" ކަމަށެވެ.

ކަން ހިނގި ދިޔަ ގޮތް ފުލުހުން ދިރާސާ ކުރަމުންދާއިރު އަދީބުއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކުރި ބަޔާނަކީ އޭނާގެ ވަކީލުން ނެރުއްވި، އަދި މީޑިއާތަކާ ހިއްސާ ކުރެއްވި ބަޔާނެކެވެ. ބަޔާން ވަނީ އަދީބުގެ ވަކީލް މޫސާ ސިރާޖު ޓްވީޓް ވެސް ކުރައްވާފަ އެވެ. ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރުމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހައްޔަރުކުރިތާ 1000 ދުވަސްވުމާ ގުޅިގެން އަދީބު މިފަހުން ބަޔާން ނެރުއްވި އެވެ. އެ ބަޔާންތަކުގައި ސަރުކާރަށާއި ރައީސް އަބްދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި އެވެ.

ގައިދީންއާ ހަވާލާދީ، ހަބަރު ނުޖެހުމަށް އަންގައި، ކަރެކްޝަނަލް ސާވިސްއިން ނެރުނު ބަޔާނުގައިވަނީ، ޝަރުއީ ހުކުމްތައް ތަންފީޒު ކުރަމުންދާ މީހުންނާ ހަވާލާދީ އެއްވެސް ވާހަކައެއް ޝާއިއުކޮށް އާއްމު ކުރަންވާނީ އެކަމަށް އޮންނަ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަަމަށެވެ. އެނޫން ގޮތްގޮތަށް ކަންތައް ކުރާ ފަރާތްކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަން ކުރިން ވެސް ވާނީ ހަނދާންކޮށްދީފައި ކަމަށް ވެސް ބަޔާނުގައި ބުނެގައި ވެއެވެ.

ބަންދުގައި ތިބޭ މީހުންގެ ފަރާތުން މައުލޫމާތު ހޯދައި ބޭނުން ކުރުމަށް އޮންނަ ގާނޫނުތަކާއި ގަވާއިދުތައް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން ފާހަގަކޮށްފައި ވަނީ ދިވެހި ރާއްޖޭގެ ޖަލުތަކާ ޕެރޯލްގެ ގާނޫނު އެ ގާނޫނުގެ ދަށުން ހަދައި ގެޒެޓްކޮށްފައިވާ ގަވާއިދެވެ.

"... އެފަދަ ތަކެތި އާއްމުކުރާ ފަަރާތްތަކާއި މީޑިއާތަކުން ޝާއިއު ކުރުމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ފަށައިފީމެވެ،" ބަޔާނުގައި ވެެއެވެ.

މިވަގުތު ޖަލުގައި ތިއްބެވި، އަދީބާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާ ހަވާލާދީ، މީޑިއާތަކުގައި އާންމުކޮށް ހަބަރު ޖަހަ އެވެ. އެ ހަބަރުތައް ޖަހަނީ އެ ބޭފުޅުންގެ ވަކީލުން އާންމުކުރާ ބަޔާންތަކަށް ހަވާލާދީ އެވެ.