1 ފެބުރުއަރީގެ އަމުރު

ޝަރުތެއް ނެތި ކޯޓު އަމުރަށް އަމަލުކުރާނެ ކަމަށް އުއްމީދުކުރަން: ޔޫކޭ

އެކި ހުކުމްތައްކޮށް ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުންނާއި އެހެން ބައެއް މީހުން މިނިވަން ކުރަން ސުޕްރީމް ކޯޓުން ރޭ ކުރި އަމުރަށް ޝަރުތެއް ނެތި ދިވެހި ސަރުކާރުން އަމަލުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޔޫކޭއިން ބުނެފިއެވެ.

ޔޫކޭއިން ރާއްޖެއަށާއި އަވަށްޓެރި ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ޖޭމްސް ޑައުރިސް ކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޯޓުގެ އަމުރަށް ވަރަށް އަވަހަށް އަދި އެއްވެސް ޝަރުތެއް ނެތި ސަރުކާރުން އަމަލުކުރާނެ ކަމަށް ބައިނަލް އަގުވާމީ އެކުވެރިން އުއްމީދުކުރާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ރޭގައި ނެރުނު އަމުރު ޑޯރިސް ސިފަކުރައްވާފައި ވަނީ އެއީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަން އަލުން ކުރިއަށް ނެރުމުގެ ގޮތުގައެވެ.

"ޝަރުއީ ނިޒާމުގެ މިނިވަންކަން އަލުން ކުރިއަށް ނެރޭ ސުޕްރީމްކޯޓުން އިއްޔެ ނިންމި ނިންމުމަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަރުހަބާ ކިޔާނެ ކަަން އަޅުގަނޑަށް އެނގޭ. ބައިނަލް އަގުވާމީ މުޖުތަމައުގެ އެކުވެރިން އުއްމީދުކުރާނީ ކޯޓުގެ އަމުރަށް ސަރުކާރުން ވަަރަށް އަވަހަށް އަދި އެއްވެސް ޝަރުތެއް ނެތި އަމަލުކުރާނެ ކަމަށް،" ސަފީރު ވިދާޅުވެފައި ވެއެވެ.

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި މިހާރު ބަންދުކޮށްފައި ތިބި ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށް ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް އެ އަމުރު ތަންފީޒު ނުކޮށް ސިފައިންގެ ހެޑްކުއާޓަރުގައި ބައެއް މިނިސްޓަރުން ތިއްބަވައިގެން ޓީވީ އެމް މެދުވެރިކޮށް ދެއްވި ބަޔާނުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އެ އަމުރު ސިފަ ކުރެއްވީ، "ސުޕްރީމް ކޯޓުން ނެރުނު ކަމަށް ބެލެވޭ އަމުރެއްގެ" ކަމަށެވެ. އެ އަމުރުގެ ސައްހަކަން ބަލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.