1 ފެބުރުއަރީގެ އަމުރު

ފުލުހުންގެ އަމަލުތަކާ މެދު ކަންބޮޑުވޭ، ކޯޓް އަމުުރު ތަންފީޒު ކުރޭ: އދ

Feb 2, 2018
8

ސުޕްރީމް ކޯޓްގެ އަމުރަށް ފުރިހަމައަށް ތަންފީޒު ކުރުމަށް އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

އދ ގެ ހިއުމަންރައިޓްސް ކޮމިޝަނާގެ އޮފީހުން އދ ގެ ހެޑްކުއާޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަންގެ ތަރުޖަމާން ރޫބަޓް ކޮލްވިލް ވިދާޅުވީ، ސުޕްރީމް ކޯޓްގެ ހުކުމާ އެއްގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެންވެސް ގޮތްގޮތުން ހައްޔަރުކޮށްފައިވާ އަށް ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެންބަރުންނަށް އެ ބޭފުޅުންގެ ޒިންމާތައް އަދާކުރުމަށް ފުރުސަތު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލައި ބާރުއަޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ރާއްޖޭގެ މަސްރަހު ހަލަބޮލިވެފައިވާ ކަން އެނގިފައިވާ ކަމަށާއި ސުޕްރީމް ކޯޓްގެ ހުކުމާ ގުޅިގެން ދިވެހި ސިފައިންނާއި ފުލުހުންގެ އަމަލުތައް ހުރިގޮތް ކައިރިން ބަލައި ރާއްޖޭގެ ހާލަތު ދެނެގަންނަމުން އަންނަ ކަމަށެވެ. އަދި އެ ހުރިހާ ފަރާތްތަކުން ވެސް ސުޕްރީމް ކޯޓްގެ ހުކުމް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ހާލަތާ މެދު މި ކޮމިޝަނުން މި އައީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އެވެ. އަދި ސުޕްރީމް ކޯޓްގެ ހުކުމާ އެކު ރާއްޖޭގެ ސިފައިންނާއި ފުލުހުން އަދި އެހެން ވެސް ކަމާ ގުޅޭ ފަރާތްތަކުން އަމަލުކުރާ ގޮތް ކައިިރިން ބަލައި ރާއްޖޭގެ ހާލަތު މި އަންނަނީ ކައިިރިން މޮނީޓާ ކުރަމުން،" ކޮލްވިލް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ސުޕްރީމް ކޯޓްގެ ނިންމުމާ މެދު އުފާފާޅު ކުރަން މަގުމައްޗަށް ނިކުތް އާންމުންނާ މެދު ދިވެހި ފުލުހުން ބާރުގެ ބޭނުންކޮށް އަމަލު ކުރި ހަރުކަށި ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި އުފާފާޅުކޮށް އެއްވުންތައް ބާއްވާ ފަރާތްތަކުން ވެސް، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގު ބޭނުން ކުރުމަށް ގޮވާލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.