1 ފެބުރުއަރީގެ އަމުރު

ސުޕްރީމް ކޯޓްގެ އަމުރާ މެދު ސުވާލު އުފައްދާނެ ޖާގައެއްނެތް: ކްރިމިނަލް ކޯޓް

Feb 3, 2018

ސިޔާސީ ލީޑަރުން މިނިވަން ކުރުމާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ނިންމާފައި ވާތީ، އެބޭފުޅުން މިނިވަން ކުރަން ހުށަހެޅި ހެބިއަސް ކޯޕަސްގެ އަމުރުގެ މައްސަލަ ކްރިމިނަލް ކޯޓަށް ބެލޭނެ އިހުތިސާސްއެއް ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަމުރުކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ ގޮތަށް ނުވަ ސިޔާސީ ބޭފުޅެއްގެ މައްޗަށް އިއްވާފައިވާ ހުކުމްތައް ބާތިލް ކަމަށާއި އެބޭފުޅުންގެ ޝަރިއަތް އަލުން ހިންގަން އެ އެންމެން ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް، ސްޕްރީމް ކޯޓްގެ އަމުރު ނެރުނުތާ 24 ގަޑިއިރު ވީ އިރުވެސް އެބޭފުޅުން މިނިވަން ކޮށްފައި ނުވާތީ އެ ބޭފުޅުންގެ ވަކީލުން ހެބިއަސް ކޯޕަސް އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ރޭ ހުށަހެޅި އެވެ.

އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް، އެ ކޯޓްގެ ރަޖިސްޓްރާ ނިންމި ސަބަބެއް ކަމުގައި ބުނެފައި ވަނީ އެ ސިޔާސީ ބޭފުޅުންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ވަކި ގޮތަކަށް އަމަލު ކުރަން އެންމެ މަތީ ކޯޓުން އަމުރެއް ނެރެފައި ވާތީ ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ނިންމާފައިވާ މައްސަލައެއް ދަށު ކޯޓުން ބެލުމުގެ އިހުތިސާސެއް ނެތް ކަމަށެވެ. އަދި އެ މައްސަލަ ބަލައިފި ނަމަ ސުޕްރީމް ކޯޓްގެ އަމުރާ މެދު ސުވާލު އުފެއްދުމަށް ފުރުސަތު ހުޅުވޭނެ ކަމަށް ވެސް ކްރިމިނަލް ކޯޓްގެ ނިންމުމުގައިވެ އެވެ. އަދި އެއީ ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކުރުން ލަސްވެގެން ދާނެ ސަބަބެއް ކަމަށް ވެސް ވާނެތީ ކްރިމިނަލް ކޯޓަށް އެ މައްސަލަ ބެލުމުގެ އިހުތިސާސް ނެތް ކަމަށް ވެސް ރަޖިސްޓްރާ ވަނީ ނިންމަވައިފަ އެވެ.

ސަރުކާރުން ގެންދަނީ އެ ބޭފުޅުން މިނިވަންކުރުމަށް އެކި އުޒުރުތައް ދައްކައިގެން އެކަން ލަސްކުރަމުންނެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ މަޝްވަރާ ވެސް ކުރައްވާފަ އެވެ. އަމުރާ ގުޅިގެން މަޝްވަރާ ކުރަން ޖެހުނީ އަނިލް ވިދާޅުވި ގޮތުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ކޮރަޕްޝަން އަދި ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ މީހުން ދޫކޮށްލުމަށް އަމުރުކޮށްފައިވާތީ އެކަމުގައި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.

ސުޕްރީމް ކޯޓުން ކަނޑައެޅިގެން ވީއެންމެ އަވަހަކަށް އަމުރު ތަންފީޒުކުރުމަށް ސަރުކާރުން ފަސްޖެހެމުންދާތީ، އެކަމާ އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސުޕްރީމް ކޯޓަކީ ފަހު ބަސް އިއްވާ ކޯޓަށްވާއިރު އެ ކޯޓުގެ އަމުރު ތަންފީޒުނުކޮށް އެއަށް ސުވާލު އުފެއްދުމުގެ ބާރެއް ބަންޑާރަ ނައިބަށް ނެތް ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އަމުރުގައި ދޫކޮށްލަން އަންގާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިން ދޫކޮށްލުމަށެވެ. އަދި މެޖިސްޓްރޭޓް އަހުމަދު ނިހާން އާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންއާއި ހާމިދު އިސްމާއިލް އެވެ.