ޕާކިސްތާނުގައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުން ގޮވައިގެން ދަތުރުކުރި ޕާކިސްތާނުގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި ދެ އެމްބެސެޑަރަކާއި ދެ ބޭފުޅެއްގެ އަނބިކަނބަލުން އަވަހާރަވެއްޖެ އެވެ.
އަސްކަރިއްޔާ އިން ބުނީ ހަ މީހުން މަރުވެފައި ވާއިރު ހެލިކޮޕްޓަރުގެ ދެ ޕައިލެޓުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.
އަވަހާރަވި އެމްބެސެޑަރުންނަކީ ނޯވޭގެ އެމްބެސެޑަރު ލެއިފް ލާސަން އާއި ފިލިޕިންސްގެ އެމްބެސެޑަރު ޑޮމިންގޯ ލޫސެނާރިއޯ އެވެ. އަދި މެލޭޝިއާގެ އެމްބެސެޑަރުގެ އަނބިކަނބަލުންނާއި އިންޑޮނީޝިއާ އެމްބެސެޑަރުގެ އަނބިކަނބަލުން ވެސް ވަނީ އަވަހާރަވެފަ އެވެ.
ހޮލެންޑާއި ޕޮލެންޑުގެ އެމްބެސެޑަރުން ވަނީ އެކްސިޑެންޓުގައި ޒަހަމްވެފަ އެވެ.
އަސްކަރިއްޔާގެ ތަރުޖަމާނު މޭޖާ ޖެނެރަލް އާސިމް ބަޖްވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމްއައި-17 މަރުކާގެ ހެލިކޮޕްޓަރު ވެއްޓުނީ 17 މީހުންނާ އެކު ދަތުރުކުރަނިކޮށް ކަމަށާއި އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ 11 ބޭފުޅަކު ހިމެނޭ ކަމަށެވެ.
ހެލިކޮޕްޓަރު ވެއްޓުނީ ވެރިރަށް އިސްލާމްއާބާދާ ގާތްގަނޑަކަށް 300 ކިލޯމީޓަރު ދުރުގައި އޮންނަ ހިސާބަކަށެވެ. އުތުރުގެ އެ ސަރަހައްދަކީ ބޮޑެތި ފަރުބަދަތައް ހުންނަ ހިސާބެކެވެ. ހެލިކޮޕްޓަރު ވެއްޓުނީ ބޮޑުވަޒީރު ނަވާޒް ޝަރީފް ބައިވެރިވެ ވަޑައިގަންނަވާ ރަސްމިއްޔާތަށް ޑިޕްލޮމެޓުން ވަޑައިގަންވަނިކޮށެވެ. މި ހާދިސާ ހިނގީ ބޮޑުވަޒީރު ދަތުރަށް ތައްޔާރުވެ ވަޑައިގަންނަވަނިކޮށެވެ. މިހާރު ވަނީ ދަތުރު ކެންސަލް ކުރައްވައިފަ އެވެ. -- އަލްޖަޒީރާ