1 ފެބުރުއަރީގެ އަމުރު

އަމުރާމެދު ޕީޕީއެމުން ސުވާލު އުފައްދައިފި!

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ސުވާލު ތަކެއް އުފައްދައިފި އެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއް ރަހީމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް ސަރުކާރުގެ އެއްވެސް ފަރާތަކުން ބުނެފައި ނުވާނެ ކަމަށާއި ނަމަވެސް ރައީސް އަބްދުﷲ ޔާމީނަކީ ހަމަހަމަ ކަމަށް ލޯބި ކުރައްވާ ބޭފުޅަކަށްވާތީ ހުކުމުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން އެ ހުކުމް ދިރާސާ ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ހުކުމުގައި އެމްއެމްޕީއާރްސީއިން ދައުލަތުގެ ފައިސާތަކަށް ހިޔާނަތްވި ކަމުގެ ހުކުމް އައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫކޮށްލުމަށް އަމުރު ކޮށްފައިވީ ނަމަވެސް އެ ހިޔާނާތުގެ މައްސަލާގައި ހައްޔަރުކޮށްފައި ހުރި އެހެން މީހަކު ދޫކޮށްލަން ބުނެފައި ނުވާ ކަމަށެވެ. އަދި ފަނޑިޔާރު ރަހީނު ކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަން އަމުރުނެރެފައިވާ އިރު، ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ދޫކޮށްލާކަށް އަމުރު ނުނެރޭ ކަމަށެވެ.

"އެހެންވީމަ މިކަހަލަ ހާލަތެއް މި އައީ ކީއްވެގެންތޯ؟ އެހެންވެ މީގައި ދައުލަތުން ބަލަން ޖެހޭ ކަންކަން އެބަހުރި ކަން އެނގޭ، ސުޕްރީމް ކޯޓުން އަމުރެއް ނެރުމުން އެއަށް އަމަލު ކުރެވޭ ގޮތަކުން ނޭދެވޭ އަސަރުތަކެއްކޮށްފާނެ ކަމަށް ވަނީނަމަ ފިޔަވަޅު އަޅަން ޖެހޭނީ ރައީސް ޔާމީން،" އަބްދުއް ރަހީމް ވިދާޅުވި އެވެ. "ކޯޓުން ދޫކޮށްލަން އަމުރު ކުރި މީހުންގެ ތެރޭގައި ރައީސް އަވަހާރަ ކޮށްލަން ރޭވި މީހަކު އެބަހުރި ޣައިރު ގާނޫނީ އަމުރު ނެރުއްވި މީހުން އެބަތިބި، ޕީޖީގެ މަގާމުގައި ތިއްބަވައިގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަަރުކާރަކާ ދެކޮޅަށް ވާހަކަދައްކައިގެން އަމަލުކޮށްގެން ނޫނީ އެފަދަ ހަރަކާތް ހިންގައިގެން ތިބި މީހުން ހިމެނޭ އެ މީހުން މުޖުތަމައުއަށް ދޫކޮށްލުމަކީ ގައުމުގެ ސުލްހަމަސްލަތަށް އަސަރު ކުރާނެ ކަމެއްތޯ ވިސްނާނީ އެ އިރެއްގެ އޮންނަން ސަރުކާރަކުން،"

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކޮށް ލަސްވަމުންދާ މައްސަލާގައި ސުވާލު ކުރުމުން އަބްދުއް ރަހީމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުން ލަސްވިޔަސް އެއްވެސް ވަރަކަށް ކަންބޮޑު ނުވާ ކަމަށެވެ. އަދި އެމްޑީޕީ ސަރުކަރުން ވެސް އަމަލު ކުރީ އެފަދަ ގޮތަކަށް ކަމަށެވެ.

"30 ގަޑިއިރު ވީމަތޯ ގިނަ އިރުވެގެން މި އުޅެނީ 22 ދުވަސް މާގިނަ އިރެއް ނޫންތޯ 30 ގަޑިއިރަށް ވުރެ، ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރަކު ރޭގަނޑު ދަންވަރު އާއިލާއާއެއްކޮށް ނިދާފައި އޮއްވާ ވަގަށް ނަގައިގެން މިތާ ކައިރި ރަށެއްގައި ރަހީނުކޮށް މިތާ ބަހައްޓަފައި ހުރީ 22 ރޭ ވަންދެއް،"