1 ފެބުރުއަރީގެ އަމުރު

ކޯޓު އަމުރު ތަންފީޒް ކުރަން އދ.ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައިފި

އެކި އެކި ހުކުމްތައް ކޮށް ޖަލަށް ލާފައިވާ ބައެއް ސިޔާސީ ލީޑަރުންނާއި އެހެން ބައެއް މީހުން މިނިވަން ކުރުމަށް ސުޕްރީމްކޯޓުން ކޮށްފައިވާ އަަމުރަށް އިހުތިރާމް ކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރެސް ގޮވާލައްވައިފިއެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު މިއަދު ނެރުއްވި ބަޔާނެއްގައި ބުނީ ސުޕްރީމްކޯޓުގެ އަމުރުގެ މުހިއްމުކަން ސެކްެރެޓަރީ ޖެނެރަލް ފާހަގަކުރައްވާ ކަމަށެވެ.

"...ސުޕްރީމްކޯޓުގެ އަމުރަށް އިހުތިރާމް ދިވެހި ސަރުކާރުން އިހުތިރާމް ކުރަން އޭނާ ގޮވައިލެއްވިއެވެ. އެންމެން ކެތްތެރިވުމަށް ގޮވާލެއްވިއެވެ،" ބަޔާނުގައި ވެއެވެ.

ރާއްޖެއަށް މިހާރު ކުރިމަތިވެފައި އޮތް ސިޔާސީ މައްސަލައަށް ހަައްލެއް ލިބޭނީ ޕާޓީތަކުން މަޝްވަރާކޮށްގެން ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވާ ވިދާޅުވުން މިއަދުވެސް ވަނީ ތަކުރާރުކުރައްވާފައެވެ. އަދި ވިދާޅުވީ އެ ފަދަ މަޝްވަރާތަކަަށް މަގުފަހިކޮށްދޭން އދ. އޮތީ ތައްޔާރަށް ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި މިހާރު ބަންދުކޮށްފައި ތިބި ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށް ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް އެ އަމުރު ތަންފީޒު ނުކޮށް ސިފައިންގެ ހެޑްކުއާޓަރުގައި ބައެއް މިނިސްޓަރުން ތިއްބަވައިގެން ޓީވީ އެމް މެދުވެރިކޮށް ދެއްވި ބަޔާނުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އެ އަމުރު ސިފަ ކުރެއްވީ، "ސުޕްރީމް ކޯޓުން ނެރުނު ކަމަށް ބެލެވޭ އަމުރެއްގެ" ކަމަށެވެ. އެ އަމުރުގެ ސައްހަކަން ބަލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.