1 ފެބުރުއަރީގެ އަމުރު

އަމުރު ތަންފީޒުނުކޮށް މަޖިލިސް ހުޅުވުން ކެންސަލްކޮށްފި

Feb 3, 2018
9

އަންނަ ހޯމަ ދުވަހު ބާއްވަން އޮތް މަޖިލީހުގެ ޖަލްސާ ކެންސަލްކުރިކަން މަޖިލީހުގެ އިދާރާއިން މެންބަރުން އަންގައިފި އެވެ. މެންބަރުންނަށް އެގޮތަށް އަންގާ މަޖިލީހުގެ އިދާރާއިން ފޮނުވި މެސެޖްގައި ބުނީ، މަޖިލިސް ހުޅުވަން އޮތް ޖަލްސާ ކެންސަލް ކުރަނީ ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމަށެވެ.

މަޖިލީހުގެ އެ ޖަލްސާ ވީ އެންމެ އަވަހަކަށް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި ކަމަށް އެ މެސެޖްގައި މެންބަރުންނަށް ވަނީ އަންގައިފަ އެވެ. އެ ޖަލްސާ ކެންސަލް ކުރި އިރު މަޖިލީހުގެ އަމީން އާންމު މިއަދު މީޑިއާތަކަށް ވިދާޅުވީ މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ބުނާ، 12 މެންބަރުންނަކީ މަޖިލީހުގެ މެންބަރުން ކަމަށާއި އެބޭފުޅުން މަޖިލީހަށް ވަދެ ޖަލްސާތަކުގައި ބައިވެރިވާން މިހާރު ހުރަހެއް ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް ކޮންމެ އަހަރަކަށް ވެސް ހުޅުވުމަށް ރައީސް މަޖިލީހަށް ރިޔާސީ ބަޔާން ދެއްވަން ޖެހެ އެވެ. އަންނަ ހޯމަ ދުވަހު އެ ޖަލްސާ ބޭއްވުމަށް ނިންމާފައި އޮތީ ދަރުބާރުގޭގަ އެވެ.

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ، ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތިން 2018 ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ގަވާއިދުން ކުރިއަށް ގެންދިއުމަށް ވަނީ އަމުރުކޮށްފަ އެވެ.