ހަބަރު

"ވެރިކަމުގައި ޔާމީން ދެއްކެވި ސާބިތުކަމަށް ސާބަސް ހައްގު"

Feb 8, 2020
10

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެތެރެއިންނާއި ބޭރުން ކުރިމަތިވެވަޑައިގެންނެވި ގިނަ ގޮންޖެހުންތަކުގައި އެމަނިކުފާނު ދެއްކެވި ސާބިތު ކަމަށް އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސާބަސް ދެއްވައިފި އެވެ.

ރައީސް ޔާމީނަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދިނުމުގައި ރަނިންން މޭޓެއްގެ ހައިސިއްޔަތުން އިސް ދައުރެއް އަދާކުރެއްވި ޑރ. ޖަމީލް ވިދާޅުވީ ވެރިކަމަކީ ބިޔަ ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި ފަސޭހަ ވަގުތުތައް މަދުވެފައި ނުތަނަވަސްވެ ހާސްވާ ވަގުތުތައް ގިނަވާނެ ކަމަށެވެ.

"އެންމެ ގިނަ ގޮންޖެހުންތައް ކުރިމަތިވި އެއް ވެރިޔަކީ ރައީސް ޔާމީން. ބޭރުންނާއި އެންމެން އިދިކޮޅުގައި. އެންމެ ފަހުން މުއައްސަސާތައްވެސް،" ޔާމީން ރައީސްކަމުގެ ހުވާކުރެއްވިއިރުގެ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓެއްގައި ޖަމީލް ވިދާޅުވި އެވެ.

"ދެއްކެވި ސާބިތުކަމަށް ސާބަސް ހައްގު."

ފުޅާ ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، ރައީސް ޔާމީންގެ ދައުރުގައި އެމަނިކުފާނަށް ބޮޑެތި ޕްރެޝަރުތައް ކުރިމަތިވެވަޑައިގެންނެވި އެވެ. ކޯލިޝަން ރުޅިގެން ދިޔުމަށްފަހު، ސަރުކާރަށް ކުރިމަތިވި ޕްރެޝަރާއެކު ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންނަށް އެކި ތުހުމަތުތަކުގައި ޖަލަށްލެވުނެވެ. އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް އިދިކޮޅާ ގުޅިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް އޭރު ވެރިކަމުގައިއޮތް ޕީޕީއެމަށް ގެއްލުނެވެ.

އަދި އޭރު ޖަލުގައި ތިއްބެވި ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ކުއްލި ގޮތަކަށް ނެރުނު އަމުރާއެކު، ރައީސް ޔާމީން ވަނީ ކުއްލި ހާލަތު އިއުލާނުކުރައްވައި، ދެ ފަނޑިޔާރުން ހައްޔަރުކޮށްފަ އެވެ. އެއާއެކު އެންމެ މަތީ ކޯޓުގެ އެ އަމުރު ފަހުން ވަނީ ބާތިލުކޮށްފަ އެވެ.

ސިޔާސީ ގޮތުން ކުރިމަތިވެވަޑައިގެންނެވި ހަމަނުޖެހުމުގެ އިތުރުން، ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތުގެ ހިޔަނިވެސް ރައީސް ޔާމީނަށް ވަނީ އެޅިފަ އެވެ. އެމަނިކުފާނު އެންމެ އިތުބާރު ކުރެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު އިސްވެ ހިންގި އެ ހިޔާނާތުގެ ތެރެއިން، އެ މަނިކުފާނު އަވަހާރަކޮށްލުމަށް ރިޔާސީ ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި އެވެ. އެ ހަމަލާއިން އެމަނިކުފާނު ސަލާމަތްވީ އެވެ.

ނަމަވެސް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވި ޔާމީން މިހާރު ހުންނެވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއްގަ އެވެ.

މިދިޔަ ހަފްތާގައި، ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުމަށް އެދިވަޑައިގެން ހައި ކޯޓަށް ހުށަހެޅި މައްސަލާގައިވެސް ކޯޓުން ހުކުމްކުރީ އެމަނިކުފާނާ ދެކޮޅަށެވެ.

ވެރިކަމަކީ ބިޔަ ބޮޑު މަސްޢޫލިއްޔަތެއް. ފަސޭހަ ވަގުތުތައް މަދުވެފައި ނުތަނަވަސްވެ ހާސްވާ ވަގުތުތައް ގިނަވާނެ. އެންމެ ގިނަ ގޮންޖެހުންތައް ކުރިމަތިވި އެއް ވެރިޔަކީ ރައީސް ޔާމީން.