ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މަސައްކަތް ކުރައްވަނީ ޕީޕީއެމްގެ ލީޑާޝިޕްއަށް ވަޑައިގެން އެ ޕާޓީ އަތުލަން ކަމަށާއި އެ މަސައްކަތް ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަމުން ދިޔަ ވަގުތު ބިލަކަށް ބަހުސް ކުރައްވަމުން ހަލީމް ވިދާޅުވީ ރައީސް ޔާމީން ފަސް އަހަރު ފަހުން މިނިވަން ވެގެން ދިޔުމަށް އުންމީދު ކުރައްވާ ކަމަށާއި އޭގެ ކުރިން އުމަރާއި ޖަމީލް ބޮޑު ރޭވުމެއްގެ ތެރެއިން ޕީޕީއެމް "ދަމައިގަންނަން" ކުރާ މަސައްކަތުން އެ ޕާޓީ ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.
ޖަމީލާއި އުމަރު ކުރައްވާ އެ މަސައްކަތަށް ހުރަސް އަޅުއްވާނެ ކަމަށާއި އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރައްވާނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
"ޖަމީލާއި އުމަރު ނަސީރު ޕީޕީއެމް ދަމައިގަންނަން އެ ކުރާ މަސައްކަތް އަޅުގަނޑު ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ޖަމީލާއި އުމަރު ޕީޕީއެމް ހޯދަން އެ އުޅޭ މައްސަލާގައި އަޅުގަނޑުމެން ވެސް އިރާދަކުރެއްވިއްޔާ ތިބޭފުޅުންނާއެކު އިހުތިޖާޖު ކުރާނަން. ޖަމީލު ޕީޕީއެމް ގެންދަން އެ ކުރާ މަސައްކަތަށް އަޅުގަނޑު ހަމަ ކަނޑައެޅިގެން ހުރަސް އަޅާނަން، އަޅުގަނޑުވެސް މި ތިބީ [މާވަށު ދާއިރާގެ މެންބަރު] ސައިދާއި [ނައިފަރު ދާއިރާގެ މެންބަރު] ޝިޔާމްއާ އެކީގައި. ޖަމީލަށް ޕާޓީ ނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތްތައް ކުރަން،" ހަލީމް ވިދާޅުވި އެވެ.
ހަލީމް އިތުރަށް ވިދާޅުވީ ޕީޕީއެމްގައި ތިއްބަވަން ޖެހޭނީ އެ ޕާޓީގައި މިހާރު ވެސް މަސައްކަތް ކުރާ މެންބަރުން ކަމަށެވެ. އެގޮތުން އެ ޕާޓީގެ ލީޑަރަކަށް ވުމަށް އެންމެ ރަނގަޅު ބޭފުޅަކީ މެންބަރު ޝިޔާމް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ. ހަލީމް އެހެން ވިދާޅުވުން އެމްޑީޕީގެ މެންބަރު އަތް ޖަހައި އެކަމަށް ތާއީދު ކުރި އެވެ.
ރައީސް ޔާމީންއަށް ހުކުމް ކުރައްވަން އޮތް ދުވަހުގެ ކުރިން ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ "މިނިކާ ބާޒުތަކަށް" ޕާޓީ ޖަހައިގަންނަން ފުރުސަތު ނުދޭން އެދިވަޑައިގެންފަ އެވެ. ނަމަވެސް އެ އިޝާރާތް ކުރެއްވީ ކޮން ބައެއްގެ ވާހަކައެއް ކަމެއް ވިދާޅެއް ނުވެ އެވެ. އަދި ރައީސް ޔާމީނަށް ހުކުމް ކުރެއްވުމުން ވެސް ޕީޕީއެމް އިން އެންމެ ގަަދައަށް ގޮވާލަމުން ދިޔައީ އެމަނިކުފާނު މިނިވަން ވަންދެން ޕާޓީގެ ލީޑާޝިޕަށް އެއްވެސް ބޭފުލަކަށް ނާދެވޭނެ ވާހަކައެވެ.
އުމަރާއި ޖަމީލް މީގެ ކުރިން ވެސް ވަނީ އެ މަގާމަށް އަންނަން ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ. އަދި މި ފަހުން ވެސް ވަނީ އެ އަޑުތައް ގަދަވެފަ އެވެ.