ނާއިބް ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށައަޅާފައިވާ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓްގައި ފެށުމަށް ނިންމާ ތާވަލަށް ލައިފި އެވެ.
ޖަމީލްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ރައްޔިތުންގެ މަޖިލީހުގައި ނަގައި އެމަނިކުފާނު މަގާމުން ދުރުކުރީ ޖުލައި 21، 2015 ގައެވެ. ޖަމީލް ބޭރު ކުރަން 78 މެންބަރުން ވޯޓް ދެއްވި އެވެ. ދެކޮޅަށްވޯޓް ދެއްވީ ދެމެންބަރުންނެވެ. އެއީ އަހުމަދު މަހުލޫފާއި އަލީ ހުސައިންއެވެ. މަގާމުން ވަކި ކުރެއްވި އިރު އެމަނިކުފާނު ހުންނެވީ އަމިއްލަފުޅަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައެވެ. މިއީ ރާއްޖޭގެ ތާރީހުގައި އެ ދުވަހާއި ހަމައަށް ނައިބު ރައީސަކު މިފަދަ ގޮތަކަށް މަގާމުން ދުރު ކުރި ފުރަތަމަ ފަހަރެވެ. ޖަމީލަށްފަހު ނާއިބް ރައީސް ކަމަށް ވަޑައިގެންނެވީ އޭރުގެ ބާރުގަދަ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. ޖަމީލް ބޭރުކޮށް ނާއިބް ރައީސްގެ މަގާމު ހުސްކުރުވީވެސް އަދީބަށް ހާއްސަކޮށެވެ. ނަމަވެސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އަދީބު މަގާމުން ދުރުކޮށް ޖަލަށް ލެވުނެވެ. ފަހުން ރައީސް ޔާމީންގެ ވެރިކަން ނިމެދެން ނާއިބް ރައީސަކަށް ހުންނެވީ އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.
މަގާމުން ދުރުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުއްވީވެސް ޖަމީލެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ހުށައެޅުއްވި އެ މައްސަލާގައި ވަނީ މަގާމުން ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.
ސުޕްރީމްގެ ކޯޓްގެ ތާވަލަށް މި މައްސަލަ ލާފައިވާއިރު ފުރަތަމަ އަޑުއެހުން އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
ޖަމީލް މަގާމުން ވަކިކުރި މައްސަލައިގެ ޝަރީއަތް ފެށުމަށް ނިންމިއިރު މިވަގުތު އެމަނިކުފާނު ހުންނެވީ އެމަނިކުފާނު މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރި ޕީޕީއެމްގައެވެ. އެއީ ޕީޕީއެމްގެ އެޑްވައިޒަރެވެ. އަދި ޕީޕީއެމްގެ ރަައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުވެސްމެއެވެ.