ޑރ. މުހައްމަދު ޖަމީލް އަހްމަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަމުން ވަކިކުރި މައްސަލަ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ހުށަނޭޅޭނެ ކަށާއި ނަމަވެސް ސިވިލް ކޯޓަށް ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަމުގެ މަގާމުން ޑރ. ޖަމީލް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖުލައި 21، 2015 ގައެވެ.
އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ޖަމީލް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމުން އޭނާ އެ މަގާމުން ވަކިކުރަން ފެންނަ ކަމަށް 78 މެންބަރުން ވޯޓު ދެއްވި އެވެ. ޖަމީލް މަގާމުން ވަކިކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ. އެއީ މިހާރުގެ ޔޫތު މިނިސްޓަރު އަދި އޭރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ. ޖަމީލް މަގާމުން ވަކިކުރުމުގެ މައްސަލަ ފާސްކުރަން ބޭނުންވީ 57 ވޯޓެވެ.
ޑރ. ޖަމީލް ނައިބު ރައީސްކަމުގެ މަގާމުން ވަކި ކުރަން މަޖިލީހަށް ހުށަހެޅި އިރު އެމަނިކުފާނު އޭރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އެހެން ކަމުން ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުގެ ދަށުން އެމަނިކުފާނަށް ކުރާ ތުހުމަތު ތަކަށް ޖަވާބުދާރީވުމަށް ލިޔުމުން މަޖިލީހަށް ހުށަހެޅި ކަމަށާއި އެކަމަކު އެ ލިޔުން ބަލައިނުގަތް ކަމަށްވެސް ވަކީލް ވިދާޅުވި އެވެ. އަދި ވަކީލަކު މެދުވެރިކޮށް ޖަވާބުދާރީވެ ވަޑައިގަތުމުގެ ފުރުސަތުވެސް ނިގުޅައިގެންފައިވާ ކަމަށް ވަކީލް ވަނީ ވިދާޅުވެފަ އެވެ. އަދި ޖަމީލު މަގާމުން ވަކި ކުރުމަށްޓަކައި ގަވައިދަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށްވެސް ވަކީލް ވަނީ ފާހަގަކުރައްވާފަ އެވެ.
އެހެން ކަމުން ނައިބު ރައީސްގެ މަގާމުން ޑރ. ޖަމީލު ވަކިކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފު އިޖުރާއަތްތަކެއްގެ މައްޗަށް ކަމަށް ކަނޑައަޅައިދީ، އޭގެ ބަދަލު ނަގައިދިނުމަށް ޖަމީލުގެ ފަރާތުން ވަނީ އެދިވަޑައިގެންފަ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ރައުޔުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމަކީ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އޭގައި ގޮތެއް ނިންމަން ޖެހޭނެ މައްސަލައެއް ނޫނެވެ. ނަމަވެސް، މަޖިލީހުގެ ނިންމުމަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް ބެލޭނީ ގާނޫނުއަސާސީއާ ހިލާފު ކަމެއް އެ ނިންމުމެއްގައި އޮތް ނަމަ، ނުވަތަ އެ ނިންމުމުގެ ނަތީޖާތަކުގެ ތެރެއިން ގާނޫނުއަސާސީއާ ހިލާފު ކަމެއް އުފެދިގެން އަންނަ ހާލަތްތަކުގަ އެވެ.
މަޖިލީހުގެ ބަރުލަމާނީ އިމްތިޔާޒުގެ ތެރެއިން އެ މަޖިލީހުން ނިންމާ ނިންމުންތަކަށް ސުޕްރީމް ކޯޓުން ގޮތް ކަނޑަނޭޅޭނެ ކަމަށާއި އެގޮތުން، ޖަމީލު ނައިބު ރައީސް ކަމުން ވަކިކުރަން ނިންމާފައިވާ ނިންމުމަކީ އެ މަޖިލީހުގެ އެ އިމްތިޔާޒުގެ ދަށުން ނިންމި ނިންމުމެއް ކަން ފާހަގަކުރައްވާފައިވެ. އަދި އެ ނިންމުމަކީ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފައިވެ އެވެ.
ފަނޑިޔާރު ވިދާޅުވީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ރައީސް އާއި ނައިބު ރައީސް ވަކިކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވާއިރު އެ މާއްދާގެ ދަށުން މި ދެ މަގާމު ވަކިވަކިން ބަޔާންކޮށް ދެ މަގާމަށް ވެސް އުސޫލުތަކާއި އިޖުރާއަތް ހިނގާނެ ގޮތް ބަޔާންކޮށްފައިވާ ކަމަށެވެ. ހަމައެގޮތަށް ގާނޫނު އަސާސީގެ 113 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ހަވާލާދީފައި ވަނީ ހަމައެކަނި އެ މަގާމަށް އިއުލާނު ކުރެވޭ މީހަކަށް އިޝާރާތްކޮށްފައި ކަމަށް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް މީހަކު އިއުލާނު ކުރަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއް. ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރި މީހެއް ކަމުގައިވާއިރު، ޖުމްލަކޮށް ގާނޫނު އަސާސީގެ 113 ވަނަ މާއްދާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލާ މީހަކަށް ނުވަތަ އެމަގާމުގައި ހުރި މީހަކަށް ރައްދުވާ ގޮތަށް ކަމަށް ބެލެވޭ،" ފަނޑިޔާރު އަޒްމިރަލްދާގެ ރައުޔުގައިވެ އެވެ.
ފަނޑިޔާރު ވިދާޅުވީ އެހެންކަމުން ހުށަހަޅާފައި މިވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބްގެ މައްސަލައަކީ ގާނޫނު އަސާސީގެ 113 ވަނަ މާއްދާގެ ތެރެއަށް ފެތޭ މައްސަލައެއް ނޫން ކަމަށާއި އަދި މިމައްސަލައަކީ އެ މާއްދާގެ ދަށުން ސުޕްރީމް ކޯޓުން ބަލަން އިހުތިސޯސް ލިބިފައިވާ މައްސަލައެއް ނޫން ކަމަށެވެ.
ޑރ. ޖަމީލަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުލިބުމާއި ވަކީލެއް އައްޔަން ކުރުމުގެ ފުރުސަތު ނުލިބުނު މައްސަލައާއި ގުޅިގެން މިއަދު އިއްވި ހުކުމުގައި ބުނީ އެކަމަކީ ޖުޑިޝަލް ރިވިއުއަކަށް ހުށަހެޅިދާނެ މައްސަލައެއް ކަމަށެވެ. ނަމަވެސް މައްސަލައިގެ ފުރަތަމަ އިހްތިސޯސް އޮތީ ސުޕްރީމް ކޯޓަށް ނޫން ކަމާއި އެއީ ސިވިލް ކޯޓުގެ އިހްތިސޯސް އޮތް މައްސަލައެއް ކަމަށެވެ.
އެއީ ދައުލަތުގެ އިދާރާއަކުން ނިންމާ ނިންމުމެއް ނުވަތަ އަމަލެއްގެ ސަބަބުން ދިމާވާ ކަމެއްގެ ސަބަބުން ދުސްތޫރީ މައްސަލައެއް ހުށަހެޅިދާނެ ކަމަށް އޮތުމާއި ޑރ. ޖަމީލުގެ މައްސަލައަކީ އެފަދަ މައްސަލައެއް ކަމަށް ވާތީ ކަމަށް ފާހަގަކުރެއްވި އެވެ. ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން މިފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސޯސް އޮތީ ސިވިލް ކޯޓަށާއި މެޖިސްޓްރޭޓް ކޯޓުތަކަށެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ރައުޔަށް ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުން އިއްތިފާގުވެވަޑައިގެންނެވި އެވެ. މި މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.
ޑރ. ޖަމީލް މަގާމުން ވަކިކުރިއިރު އޭނާ ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. ޑރ. ޖަމީލް އެނބުރި ގައުމަށް ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށްފަހު ރައީސް ސޯލިހް އިންތިހާބު ކާމިޔާބު ކުރެއްވި ފަހުންނެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާއި ދެކޮޅަށް ޑރ. ޖަމީލް މަސައްކަތް ކުރެއްވި ނަމަވެސް މިވަގުތު ޑރ. ޖަމީލް ގެންދަވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ. އަދި ޕީޕީއެމްގެ އެޑްވައިޒަރު ކަން ވެސް ޑރ. ޖަމީލް ގެންދަވަނީ ކުރައްވަމުންނެވެ.