ނާއިބް ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރި މައްސަލައަކީ ސުޕްރީމު ކޯޓަށް ހުށަހެޅޭނެ މައްސަލައެއްތޯ ދައުލަތުން މިއަދު ސުވާލު އުފައްދައިފި އެވެ.
ގާނޫނު އަސާސީއާ ހިލާފަށް ނައިބު ރައީސް ކަމުން ވަކިކުރި ކަމަށް ބުނެ ޖަމީލު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް މިއަދު ވަނީ ފަށާފައެވެ. އަޑުއެހުމުގައި ޑރ. ޖަމީލުގެ ވަކީލް، ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ވަނީ ޖަމީލު މަގާމުން ވަކިކޮށްފައިވަނީ ގާނޫނު އަސާސީގެ 100 (ހ) އަދި (ރ)ގައި ބަޔާންކުރާ އިޖުރާއަތްތަކާއި ހިލާފަށް އަމަލުކޮށް ކަމާއި ގާނޫނު އަސާސީގެ ބައެއް ހައްގުތައް ކަށަވަރުކޮށް ނުދީ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޑރ. ޖަމީލްގެ ވަކީލުން ވިދާޅުވީ މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކަށްވާއިރު ބަންޑާރަ ނައިބުގެ އޮފީހަށް މި މައްސަލައިގައި ޖަވާބުދާރީވުމަށް ކޯޓަށް ވަޑައިގަތުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށެވެ.
އެހެން ނަމަވެސް ފަނޑިޔާރުން ވިދާޅުވީ ދުސްތޫރީ މައްސަލަތަކުގައި ދައުވާ ރައްދުވަނީ ދައުލަތަށް ކަމަށްވާނަމަ އެ މައްސަލައެއްގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެވޭނެ ކަމަށެވެ.
ޑރ. ޖަމީލްގެ ފަރާތުން ވަކީލުން ވިދާޅުވީ ނައިބު ރައީސްގެ މަގާމުގައި ހުންނަ ބޭފުޅަކު ވަކި ކުރެވޭނެ ގޮތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި ވަކި ކުރުމުގެ މައްސަލައެއް ހުށަހެޅުމުން ތުހުމަތުވާ ފަރާތް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް ޑރ. ޖަމީލް އަށް އެ ފުރުސަތު ނުދީ އެ ތުހުމަތުތަކަށް ޖަވާބުދާރީ ވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށެވެ.
ޑރ. ޖަމީލް ނައިބް ރައީސް ކަމުގެ މަގާމުން ވަކިކޮށްފައިވަނީ އެ މަނިކުފާނު އެ މަގާމު އަދާ ކުރުމަށް ނާގާބިލްވެފައިވާ ކަމަށް ބުނެފައިވާއިރު ނާގާބިލް ވި ގޮތެއް ބަޔާންކޮށް އެކަމުގެ އެއްވެސް ހެއްކެއް ހާމަކޮށްފައިނުވާ ކަމަށެވެ. އަދި މީގެ އިތުރުންވެސް މަގާމުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަވަސްމިނުގައި އަދާ ނުކުރެވޭ ކަމަށް ބުނެފައިވާއިރު ނައިބްރައީސަކަށް ހުންނަ ބޭފުޅަކު އަދާ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ މަސައްކަތްތަކަށްވެފައި މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭކަން އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ ރައީސްއަށް ކަމަށެވެ.
އެކަމަކު ރައީސްގެ ބަޔާނުގައި އެފަދަ ވާހަކައެއް ހާމަކޮށްފައި ނުވާއިރު އެކަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިނގެނީ ކިހިނެތްތޯ ވަނީ ސުވާލު ކުރައްވާފަ އެެވެ.
ޑރ. ޖަމީލް ނައިބް ރައީސް ކަމުގެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކަންކަމުގެ ތެރޭގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ގޮތް ނެނގޭ ސިއްރު ގުޅުންތައް ބާއްވަމުން ގެންދިޔަ ކަމަށާއި އަދި މިފަދަ ކަންކަމަށް ދައުލަތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ވަކީލް ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް މި ކުރެވުނު ތުހުމަތުތަކަށް އެމަނިކުފާނު ޖަވާބުދާރީވާން ބޭނުންވި ނަމަވެސް އެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ޑރ. ޖަމީލް ނައިބު ރައީސްކަމުގެ މަގާމުން ވަކި ކުރަން މަޖިލީހަށް ހުށަހެޅި އިރު އެމަނިކުފާނު އޭރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އެހެން ކަމުން ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުގެ ދަށުން އެމަނިކުފާނަށް ކުރާ ތުހުމަތު ތަކަށް ޖަވާބުދާރީވުމަށް ލިޔުމުން މަޖިލީހަށް ހުށަހެޅި ކަމަށާއި އެކަމަކު އެ ލިޔުން ބަލައިނުގަތް ކަމަށްވެސް ވަކީލް ވިދާޅުވި އެވެ. އަދި ވަކީލަކު މެދުވެރިކޮށް ޖަވާބުދާރީވެ ވަޑައިގަތުމުގެ ފުރުސަތުވެސް ނިގުޅައިގެންފައިވާ ކަމަށް ވަކީލް ވަނީ ވިދާޅުވެފަ އެވެ. އަދި ޖަމީލު މަގާމުން ވަކި ކުރުމަށްޓަކައި ގަވައިދަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށްވެސް ވަކީލް ވަނީ ފާހަގަކުރައްވާފަ އެވެ.
އެހެން ކަމުން ނައިބު ރައީސްގެ މަގާމުން ޑރ. ޖަމީލު ވަކިކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފު އިޖުރާއަތްތަކެއްގެ މައްޗަށް ކަމަށް ކަނޑައަޅައިދީ، އޭގެ ބަދަލު ނަގައިދިނުމަށް ޖަމީލުގެ ފަރާތުން ވަނީ އެދިވަޑައިގެންފަ އެވެ.
މި މައްސަލާގައި ޖަމީލުގެ ފަރާތުން ދެއްކެވި ވާހަކަ އަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލާ ފާތިމަތު ހަލީމް ވިދާޅުވީ މި ފަދަ މައްސަލަތަކަކީ ރައްޔިތުންގެ މަޖިލީހުން ނިންމާ އިދާރީ ނިންމުންތަކެއް ނޫން ކަމަށާއި މިއީ ބަރުލަމާނީ ނިންމުންތަކެއް ކަމަށެވެ. އެހެން ކަމުން މިފަދަ ނިންމުންތަކަކީ ސިޔާސީ ނިންމުންތަކެއް ކަމަށާއި މިއީ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ މި މައްސަލަ ޑރ. ޖަމީލުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުގައި 2017 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމާފައިވާ ދުސްތޫރީ މައްސަލައަށް ރިއާޔަތްކޮށްފައިވާ ކަމަށާއި އެ ހުކުމުގައި މަޖިލީހުން ފާސްކުރާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި އެންމެ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް ބުނެފައިވާ ކަމަށެވެ. އެ ވޯޓުގެ ސައްހަކަމާމެދު ސުޕްރީމް ކޯޓަށް ގޮތް ކިޔޭނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ އެ ހުކުމަކީ ކޯޓުތަކުގެ ގާނޫނާ ހިލާފު ހުކުމެއް ކަމަށާއި އެ ހުކުމް ރިވިއުކޮށް އެ ނިންމުމާ ސުޕްރީމް ކޯޓުން ދުރަށްދާން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ދައުލަތުގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮނޑީގެ މައްސަލާގައި އިއްވި ހުކުމުން ވެސް އެކަން ސާފުވެގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
މި މައްސަލަ އަކީ ސުޕްރީމްކޯޓަށް އިހުތިސާސް ވާ މައްސަލައެއްތޯ މައްސަލަ ހުށަހަޅާ ފަރާތުން ސާފްކޮށްދޭނެ ޖެހޭ ކަމަށްވެސް ފާތިމަތު ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ރައިސުލްޖުމްހޫރިއްޔާ ނުވަތަ ރައިސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރަން ފާސްކޮށްފިނަމަ އެމީހަކު މަގާމުން ވަކިވީ ކަމަށް ބަޔާން ކުރާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 113 ވަނަ މާއްދާގައި އޮތީ އެ ނިންމުމާމެދު ސުވާލު އުފެދޭނަމަ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހައްގު ރައިސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށާއި ގާނޫނު އަސާސީގެ އެ މާއްދާގައި ނައިބު ރައީސްގެ ވާހަކައެއް ނެތް ކަމަށެވެ.
އެހެންކަމުން އެއީ ނައިބު ރައީސަށް އޮތް ހައްގެއް ނޫން ކަމަށާއި ޑރ. ޖަމީލު މި މައްސަލަ ހިފައިގެން ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ ކޮން ގޮތަކުންތޯ ދައުލަތުގެ ވަކީލާ ވަނީ ސުވާލު އިފައްދަވާފަ އެވެ. އެހެން ކަމުން މައްސަލައަކީ ސުޕްރީމް ކޯޓުގެ އިހްތިސޯސްއެއް ނެތް މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ދައުލަތުން ވަނީ އެދިވަޑައިގެންފަ އެވެ.
މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ މުޅި ފަނޑިޔާރު ބެންޗުންނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރު، މުއުތަސިމް އަދުނާނެވެ.
ފަނޑިޔާރު މުއުތަސިމް ވިދާޅުވީ މި މައްސަލއަކީ 2019 ވަނަ އަހަރު 2019 ވަނަ އަހަރު ހުށަހެޅި މައްސަލައެއް ކަމަށްވާއިރު މި މައްސަލަ ބަލައިގަނެ ކޯޓުން ހުއްދަ ދީފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން މައްސަލައިގެ ޝަރީއަތް ކޯޓުގައި ކުރިއަށްދާނެ ކަމަށާއި އެކަމަކު ދައުލަތުންނާއި ޑރ.ޖަމީލުގެ ފަރާތުން ވެސް ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރާނެ ކަމަށެވެ.
ފަނޑިޔާރުންގެ ބެންޗުންވެސް ވަނީ ގިނަ ސުވާލުތަކެއް ކުރައްވާފަ އެވެ. އެގޮތުން މި މައްސަލައަކީ ސުޕްރީމް ކޯޓަށް އިހުތިސާސް ލިބިފައިވާ މައްސަލައެއްތޯ އާއި މި މައްސަލަ ދުސްތީރީ މައްސަލައަކަށް ވަނީ ކީއްވެތޯ ދެން އޮންނަ އަޑުއެހހުމެއްގައި ޑރ. ޖަމީލްގެ ފަރާތުން ސާފުކޮށްދިނުމަށް އެދިވަޑައިގެންނެވި އެވެ. އަދި ޑރ. ޖަމީލްގެ ފަރާތުންދި މަޖިލިހުން ގާނޫނު އަސާސީއާ ހިލާފަށް ކަމެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރާތީ ދެން ކަން ކުރަން ޖެހޭ ގާނޫނީ އުސޫލަކީ ކޮބައިތޯ ދައުލަތުން ސާފުކޮށްދިނުމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ އެދިވަޑައިގެންފަ އެވެ.
ޖަމީލްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ރައްޔިތުންގެ މަޖިލީހުގައި ނަގައި އެމަނިކުފާނު މަގާމުން ދުރުކުރީ ޖުލައި 21، 2015 ގައެވެ. ޖަމީލް ބޭރު ކުރަން 78 މެންބަރުން ވޯޓް ދެއްވި އެވެ. ދެކޮޅަށްވޯޓް ދެއްވީ ދެމެންބަރުންނެވެ. އެއީ އަހުމަދު މަހުލޫފާއި އަލީ ހުސައިންއެވެ. މަގާމުން ވަކި ކުރެއްވި އިރު އެމަނިކުފާނު ހުންނެވީ އަމިއްލަފުޅަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައެވެ. މިއީ ރާއްޖޭގެ ތާރީހުގައި އެ ދުވަހާއި ހަމައަށް ނައިބު ރައީސަކު މިފަދަ ގޮތަކަށް މަގާމުން ދުރު ކުރި ފުރަތަމަ ފަހަރެވެ. ޖަމީލަށްފަހު ނާއިބް ރައީސް ކަމަށް ވަޑައިގެންނެވީ އޭރުގެ ބާރުގަދަ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. ޖަމީލް ބޭރުކޮށް ނާއިބް ރައީސްގެ މަގާމު ހުސްކުރުވީވެސް އަދީބަށް ހާއްސަކޮށެވެ. ނަމަވެސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އަދީބު މަގާމުން ދުރުކޮށް ޖަލަށް ލެވުނެވެ. ފަހުން ރައީސް ޔާމީންގެ ވެރިކަން ނިމެދެން ނާއިބް ރައީސަކަށް ހުންނެވީ އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.